އަހަރެން ބުނަމެވެ: އަދި ޙަޤީޤަތަކީ މިފަދަ މީހުން ގެ މި ނުބައި ގެ ސަބަބުން އެބައިމީހުންގެ އުނި ސިފަތައް ނޫނީ އިތުރު ނުވާކަމެވެ.…
④
އަހަރެން ބުނަމެވެ: އަދި ޙަޤީޤަތަކީ މިފަދަ މީހުން ގެ މި ނުބައި ގެ ސަބަބުން އެބައިމީހުންގެ އުނި ސިފަތައް ނޫނީ އިތުރު ނުވާކަމެވެ. ބޮޑާވެރިކަމާއި ކިބުރާއި މަކަރާއި ޙީލަތާއި ދޮގުވެރިކަމެވެ. އަދި ލިބުނު ޢިލްމުގައިވެސް ﷲ ބަރަކާތް ނަންގަވާފައިވާކަމެވެ.
މީގެ އަހަރު ތަކެއް ކުރިން އަހަރެންނާއި ހަމައަށް ކުށް ކެނޑުމަށް ޑިމޮކުރެސީ އާއި ބެހޭގޮތުން ލިޔެވިފައިވާ ބޮޑު ފޮތެއް ގެނެވުނެވެ. އަހަރެން އެއަށް ނަޒަރުހިންގާލި އިރު މިފޮތުގެ ވަރަށް ގިނަ ބައިތަކަކީ ދިވެހި ބަހުން އޮތް ވަކިފޮތެއް ގެ އެތައް ޞަފްޙާ ތަކެވެ. އެހެން ކަމުން އެ ފޮތް އަހަންނާއި ހަމައަށް ގެނެސްދިން އަޚާ އަށް އެފޮތުގެ ޞާހިބާ އޭގެ ރިފަރެންސްތައް ޖަހައި ފުރިހަމަކޮށް ގެން ގެނައުމަށް ބުނީމެވެ. އޭގެ އަހަރެެއް ފަހުން އެފޮތް ބޭރުގަނޑަކާއި މީޑިއާއެއްގެ ނަން ޖެހި ވަރަށް ފަޚުރުވެރިކޮށް އޭގެން މިފާހަގަވީ އެއްވެސް އަޞްލަކަށް ރިފަރެންސް ނުދެވި ޝާއިޢު ވެފައި ވަނިކޮށް ދެކުނީމެވެ. ނަމަކަށް ޖަހާފައިވަނީ ”ދަންނާށެވެ. ޚަލްޤުކުރެއްވުމާއި އަމުރު ކުރެއްވުން ވަނީ އެއިލާހަށް ޚާއްޞަވެގެންނެވެ.“ والله المستعان! މިއީ މިފަދަ ޚިޔާނަތުގެ ކުޑަ މިސާލެކެވެ.
ރާއްޖޭގައި މިކަން ކުރެވޭ އެންމެ މުޑުދާރު ގޮތެއްކަމަށް ފެނިފައިވަނީ، ޢިލްމުވެރި ޝޭޚެއް ނޫނީ ޢިލްމީ ދަރިވަރެއް ގާތަށް — އެކަމަކަށް ދިރާސާ ބޭނުންވާފަދަ ސުވާލުތައް — އަނެކުން ފުށުން ހުށަހެޅުމެވެ. ދެން ދިރާސާ ތަކަކަށް ފަހު އޭގެ ޖަވާބު، އެސުވާލު ހުށަހެޅި މެދުވެރިޔާއަށް ދިނުމުން، އެއީ ތިބާގެ ޢިލްމީ ރައުޔެއް ކަމުގައި ހީވާ ގޮތަށް ސުވާލުގެ އަސްލު ވެރިފަރާތަށް މިމެދުވެރިޔާ ފޯރުކޮށް ދެއެވެ. އެންމެ ފަހުން އެޖަވާބު ހިފައިގެން އެޖަވާބު ދިން އަސްލު ޞާޙިބު މީހާގެ ގާތަށް އެހެން ބަޔަކު އައިސް މިއީ މިވެނި އަޚަކު ދިން ޖަވާބެކޭ ތިއަޚާ ދެކެނީ ކިހިނެއްތޯ ސުވާލުކުރެއެވެ. އަދި ޙަޤީޤަތަކީ މިއީ ޚުދު މި ބޭފުޅެއްގެ ޖަވާބުކަމެވެ.
ސޯޝަލް މީޑިއާ ތެރޭވެސް މިކަންވަނީ ބަލިމަޑުކަމެއްގެ ސިފައިގައެވެ.
(ހ)
އޭގެ ތެރެއިން އެންމެ ފާސިދުކަން ކުޑައީ "ކޮޕީޑް" "ޝެއާޑް" ނޫނީ މިފަދަ ބަހެއް މަޞްދަރުގެ ބަދަލުގައި ޖަހާފައިވާ ޕޯސްޓުތަކެވެ. އަދި މިކަމުގެ ޢާފާތްވެސް ކުޑައެއް ނޫނެވެ. މިކަމަކީ އެހެންޏާ،
• ބިދުޢަވެރިޔެއް ފުށުން ނެގޭ ތެދުބަހެއް، އެހެން ކަމުން އޭގެ ވެރިފަރާތް ފޮރުވުމަށް ކުރާ ކަމެކެވެ. އަދި މިއީ ޙަދީޘް ރިވާކުރުމުގައި ވަރުގަދަ ނޫން ރާވީ އެއް ހުރުމުން އޭނާގެ ނަން ވަންހަނާ ކުރުން ފަދަ ކަމެކެވެ. އެއީ ހީލަތްތެރި ކަމާއި އެކު އެ ޙަދީޘް އަށް އިތުބާރުކަން ބޮޑުކުރުމަށެވެ. އަދި މިއީ އޮޅުވާލުމެކެވެ.
• ނޫނީ، އެހެންޏާ ހަސަދަ ވެރިކަމުން ވެރިފަރާތް ނުޖެހުމެވެ. ނޫނީ ތިބާއަށް އެ ނުސީދާކޮށް ނިސްބަތް ވުމަށް އެދިއެވެ. އަދި މިއީ އެންމެ ޢާންމު އެއް ގޮތެވެ. އަދި މިއީ މިލިޔުމުގައި އިހު ބަޔާން ވެވުނު އިޚްލާޞްތެރިކަމުގެ މައްސަލައެވެ.
އަދި މިވައްތަރުން އެންމެ ހުތުރުކަން ބޮޑީ، އެލިޔުމުގެ ތެރޭގައިވާ އަޞްލު ވެރިފަރާތުގެ ނަން ނޫނީ ލިންކު ގަސްތުގައި ކަނޑާލުމެވެ.
(ށ)
އަދި މަދުން ނަމަވެސް ފެންނަ އަނެއް ސިފަ އަކީ، އަސްލު ލިޔުމަށް އުނި އިތުރު ކަމެއް ގެނެސްފައި ނުވަތަ ނުގެނެސް ވިޔަސް ތިމާގެ އަމިއްލަ އެއްޗެއް ގޮތުގައި ނިސްބަތްކޮށް ޖެހުމެވެ. އަދި މިއީ ސޯޝަލް މީޑިއާގެ ޚިޔާނާތް ތަކުގެ ތެރެއިން އެންމެ ނުބައި ވައްތަރެވެ.
އެހެންކަމުން ﷲ އަށް ބިރުވެތިވާށެވެ. އަދި ދޮގުވެރި ދެފޭރާމުގެ ވެރިޔަކަށް ނުވާށެވެ. އަދި އެފަދަ ބަޔަކާއިމެދުވެސް ރައްކައުތެރިވާށެވެ.
~ ގަލަންދާނު
___________
މަސްދަރުތައް:
މައިގަނޑު ލިޔުން: https://islamqa.info/ar/answers/153846/
އިތުރު ބައިތައް: https://www.alukah.net/culture/0/71897/
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.