މިކަމަުގެ މައްޗަށް ޖުމްހޫރުންގެ ދަލީލު
③
މިކަމަުގެ މައްޗަށް ޖުމްހޫރުންގެ ދަލީލު
1- އެއީ ޢުމަރު އާއި ޢުޘްމާން އަރިހުން އަލްބުޚާރީ އެނޫން ބޭފުޅުން ރިވާކުރެއްވި ބަސްފުޅެވެ. އެދެބޭކަލުން ފުށުން، ޙާކިމް އަށް ޚުލްޢުކުރުމުގައި ޙާޖަތެއް ނުވާކަމުގެ މައްޗަށެވެ. އަދި އެނޫން ރިވާޔަތެއްގައި ޢުމަރުގެފާނު އަރިހަށް ފިރިޔެއް އޭނާގެ އަންހެނުންނާއި ޚުލްޢު ކުރުމަށް އައުމުން، އެކަމަށް ހުއްދަދެއްވިކަމެވެ.(8)
2. ކައިވެނި އާއި ވަރި ކުރުމުގައި ޤާޟީއެއްގެ ޙުކުމެއް ބޭނުންނުވާކަމެވެ. ހަމައެފަދައިން ޚުލްޢުއަށްވެސް އެވެ. އެހެނީ އެއީ ވަރީގެ ބާވަތްތަކުގެ ތެރެއިން ބާވަތެއްކަމުންނެވެ. (9)
3. ޚުލްޢުގެ ޢަޤުދަކީ، ދެފަރުދެއް ދެމެދުވާ ޢަޤުދެއްކަމަށް ބުނަނީ ނަމަ، އެއީ ވިޔަފާރީގެ ޢަޤުދު ފަދައެވެ. އަދި މި އުވާލެވުން ވަނީ ދެފަރާތުގެ އެއްބަސްވުމާއިއެކު ކަމަށް ބުނަނީނަމަ، އެއީ އިސްތިއުފާއެއް ފަދައެވެ. އަދި ކޮންމެ ކޮންމެ ވިޔަފާރިއަކާއި އިސްތިއުފާއަކަށް ޙާކިމެއްގެ ޙުކުމަކަށް ބޭނުމެއް ނުވެއެވެ.(10)
ޖުމްހޫރު ރައުޔާއި ޚިލާފަށް ވިދާޅުވި ބޭފުޅުންގެ ތެރޭ ހިމެނެނީ ތާބިޢީ ބޭކަލުން ކުރެ ބައިގަނޑެކެވެ. އޭގެ ތެރޭގައި ސަޢީދު ބުނު ޖުބައިރު އާއި ޙަސަނުލް ބަޞްރީ އާއި އިބްނު ސީރީން ހިމެނިވަޑައިގަންނަވައެވެ. (11)
މިބޭފުޅުން ދަލީލު ނަންގަވަނީ މިއާޔަތުންނެވެ:
﴿ وَلَا يَحِلُّ لَكُمْ أَنْ تَأْخُذُوا مِمَّا آتَيْتُمُوهُنَّ شَيْئًا إِلَّا أَنْ يَخَافَا أَلَّا يُقِيمَا حُدُودَ اللَّهِ فَإِنْ خِفْتُمْ... ﴾ [البقرة: 229]
" އަދި، އެ ދެމީހުން، اللَّه ކަނޑައަޅުއްވާފައިވާ حكم ތައް قائم ނުކުރެވިދާނެކަމަށް ބިރުގަންނަނަމަ މެނުވީ، އެކަނބަލުންނަށް ތިޔަބައިމީހުން ދީފައިވާ ތަކެތީގެ ތެރެއިން އެއްޗެއް ތިޔަބައިމީހުން އަތުލުން ތިޔަބައިމީހުންނަކަށް حلال ވެގެނެއް ނުވެއެވެ. اللَّه ކަނޑައަޅުއްވާފައިވާ حكم ތައް އެ ދެމީހުންނަށް قائم ނުކުރެވޭނެކަމަށް ތިޔަބައިމީހުން ބިރުގަންނަނަމަ..." (12)
މިތާގައި "އެ ދެމީހުންނަށް قائم ނުކުރެވޭނެކަމަށް ތިޔަބައިމީހުން ބިރުގަންނަނަމަ.." ތިޔަބައިމީހުން ނިޞްބަތްވަނީ ދެމަފިރިންނަކަށް ނޫންކަމެވެ. އެހެންނަމަ خِفْتُمْ ގެ ބަދަލުގައި خافا މިހެންނެވެ.
މިއަށް ޖުމްހޫރުންގެ ރައްދަކީ: މި ބަސްފުޅު ޙާކިމާ އަށް އެކަނި ޚާއްޞަ ނޫންކަމެވެ. މީގައި ޙާކިމް އަދި ވަލީވެރިންނަށްވެސް ރައްދުވެވޭކަމެވެ. އަލް ޤުރުޠުބީ ވިދާޅުވިއެވެ: "އަދި މި ވަޙީބަސްފުޅުގެ މާނައަކީ މިއެއްނޫނެވެ.އެހެނީ ފިރިހެނެއް އަނބިމީހާ ޚުލްޢު ކުރާނަމަ، އެކަން ވަނީ އޭނާ ރުހޭ ގޮތުގެ މައްޗަށެވެ. އަދި ވެރިމީހާއަށް އޭނާގެ މައްޗަށް ވަކިގޮތެއް މަޖުބޫރެއްވެސް ނުކުރެވޭނެއެވެ. (13)
މީގެ އިތުރުން ޘާބިތު ބުނު ޤައިސްގެ އަނބިކަނބަލުން ﷲ ގެ ރަސޫލާ ﷺ އަރިހަށް ޝަކުވާ އުފުއްލަވައި، އޭގެ ފަހުން ޚުލްޢު ކުރެއްވި ޙާދިޘާ ، ޙާކިމުގެ ގާތަށް ދިއުމަށް ދަލީލެއްގެ ގޮތުގައި ގެނެވެއެވެ. ޖުމްހޫރުން މިޔަށް ދެއްވާ ރައްދަކީ، އެޙާދިޘާ އިން، އެކަމަނާ ﷲ ގެ ރަސޫލު ﷺ އަރިހަށް ވަޑައިގެންނެވީ ދެބަސްވެ ޝަކުވާ އާއިގެން ކަމަށް ޘާބިތުނުވޭކަމެވެ. އަދި އެހެނަސް ވަޑައިގެންނެވީ ރައުޔުއާއި، މަޝްވަރާއާއި ނަޞީޙަތަށްޓަކައެވެ.
މިކަމަށް ބާރުދެނީ، އެކަމަނާ ﷲ ގެ ރަސޫލާ ﷺ އަރިހަށް ވަޑައިގެން ވިދާޅުވި މިބަސްފުޅުންނެވެ: "އެކަލޭގެފާނުގެ ދީނުގެބކަންކަމާއި މެދުވެސް އަދި ޚުލްޤުފުޅާއިނެދުވެސް ތިމަން ކަމަނާ ފާޑެއްނުކިޔަމެވެ." މިއާއިއެކު ނަބިއްޔާ ﷺ ޘާބިތުއަށް ބަދަލެއްގައި ހިޕުމަށްއެންގެވީ އަމުރެއްގެ ގޮތުގައި ނޫންކަމެވެ. އެހެނަސް އިރުޝާދާއި އިޞްލާޙުގެ އަމުރެއްގެގޮތުގައެވެ. މިކަން ދޭހަވަނީ، އެހެން ރިވާޔަތެއްގައި އިތުރުވެފައިވާ ފަދައިން (ޚުލްޢު ކުރެއްވުމަށް) އިތުރުއެކަލޭގެފާނު ﷺ "ބަގީޗާ ނަންގަވާށޭ" ޙަދީޘްކުރެއްވުމުން ޘާބިތު ބުނު ޤައިސް ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ. އެއީ ތިމަންކަލޭގެފާނަށް ހެޔޮ ދިންނަވަނިވި ގޮތެއްތޯއެވެ؟"(14) އެހެންކަމުން މިޙާލަތުގައި އެއީ އަމުރެއްގެ ސިފައިގައިވީ ޙުކުމެއް ނަމަ، ޘާބިތު އެކަމާއި ސުވާލެއްނުކުރެއްވީހެވެ.
މީގައި ބުރަވެވޭ ރައުޔު
މިމައްސަލާގައި ރާޖިހު ގޮތެއްކަމުގައި ފެންނަނީ ޖުމްހޫރުންގެ ރައުޔެވެ. އެއީ ޚުލްޢު ކުރުމަށް ޙާކިމެއް ނޫނީ ޤާޟީއެއްގެ ޙުކުމެއް ބޭނުމެއް ނުވާކަމެވެ. އަދި ދެމަފިރިން ދެމެދު އެއްބަސްވާގޮތެއްގެ މަތިން އެކަން ހުއްދަވެގެންވާކަމެވެ.
މިއީ މިރައުޔުގެ މައްޗަށް ވާރިދުވެފައިވާ ދަލީލުގެ ވަރުގަދަކަމާއި، އަދި އެދަލީލުތަކުގެ މައްޗަށް ދެބަސްވުމެއް ނުވުމާއި، އަދި ޤާޟީއެއްގެ ޙުކުމަކާއި ނުލައި ކުރެވުނު ބަޔެއް ޚުލްޢުތަކުގެ މައްޗަށް ޞަޙާބިން ކުރެ އަރައިތިއްބެވި ބަޔެއް ބޭކަލުން ހުއްދަ ކުރެއްވިކަމުގެ މައްޗަށް އައިސްފައިވާ ރިވާޔަތްތަކަށް ބަލައެވެ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.