ލައިޘް އަރިހުން ޖަރީރު ރިވާކުރެއްވިއެވެ: އައްޒުހުރީ ވިދާޅުވިއެވެ: "ޢަރަބިންގެ ޙިކުމަތް ތެރިޔާ އަކްޘަމް ބުނު ޞައިފީ އެބޭފުޅާގެ ދަރިންނަށް…
☪☪☪☪☪☪
①
ލައިޘް އަރިހުން ޖަރީރު ރިވާކުރެއްވިއެވެ: އައްޒުހުރީ ވިދާޅުވިއެވެ: "ޢަރަބިންގެ ޙިކުމަތް ތެރިޔާ އަކްޘަމް ބުނު ޞައިފީ އެބޭފުޅާގެ ދަރިންނަށް ވިދާޅުވިއެވެ:
"ގަމާރު މީހުންނާއި ގާތްވުމުން ކަލޭމެން ރައްކާތެރިވެ ތިބޭށެވެ. އެހެނީ އެއުރެން ފުށުން ތިބާއަށް ގެއްލުންލިބުން، މަންފާއެއް ކުރުމަށްވުރެ ގާތެވެ."
⬆️ގަމާރު ކަމަކީ ކޮބާ؟
އިބްނުލް އަޢްރާބީ ވިދާޅުވިއެވެ: الحماقة މިލަފުޒު ނެގިފައިވަނި ބާޒާރުގައި "ފައިދާ" ނުވާން ފެށުމުން، އޭގެ ތެރޭގައި "ތެޅިބާލަން" ފެށުމަށް ބުނެވޭ ބަސް "حمقت" السوق އިންނެވެ. އެފަދަ މީހަކީ ބުއްދި އާއި ރައުޔުގެ "ފައިދާއެއް" ނުކުރާ މީހެއް ފަދައެވެ...
"ގަމާރުންނާއި ޣާފިލުންގެ ޚަބަރުތައް" (اخبار الحمقى والمغفلين لابن الجوزي بتصرف) މިފޮތުގައި އިބްނުލް ޖައުޒީ ވިދާޅުވި އެވެ:
"ގަމާރު" ކަމޭ (ޢަރަބި ބަހުން: "އަޙްމަޤް" އޭ) އަދި "ޣާފިލު" ކަމޭ ނިޞްބަތް ވެވެނީ، ޞައްޙަ ނިޔަތަކާއި އެކު، ކަމެއް ޙާޞިލް ކުރުމަށް ބޭނުންކުރާ ވަޞީލަތާއި މަގުތަށް ނުހަމަ ވުމަށެވެ. މިއީ މޮޔަ ކަމާއި ޚިލާފަށެވެ. މޮޔަކަމުގައި މިދެކަންވެސް ހަމަ ނޫނެވެ.
އެހެނީ ގަމާރު މީހާ، އޭނާގެ ނިޔަތް އިޚުލާޞްތެރި ވިޔަސް، އެކަން ޙާޞިލު ކުރަން ބޭނުން ކުރާ އުކުޅުތައް ފާސިދެވެ. އަދި އެލަނޑުދަނޑި އާއި ހަމައަށް އޭނާ ދިއުމުގެ މަގުޗާޓު ނުބައެވެ. އެހެނަސް މޮޔަ މީހާ، ފެށުމުގައިވެސް ވަނީ ފާސިދު ޙިޔާލު ތަކެކެވެ. އަދި ކޮށްގެން ނުވާނެ ކަމެއް ކުރުމަށް އޭނާ އިޚްތިޔާރު ކުރެއެވެ.
މިސާލަކަށް، ގަމާރު މީހެއްގެ ވާހާކަ އަހަރެން ކިޔައިދޭނަމެވެ: ޕްރިންސް އެއްގެ ގެއިން ދޫންޏެއް ފިލިއެވެ. އަދި އެޝަހަރުގެ ގޭޓޫތައް ބަންދު ކުރުމަށް އޭނާ އަމުރު ކުރިއެވެ. އޭނާގެ ނިޔަތަކީ ދޫނި ބޭރަށް ނުކުތުން ހުއްޓުވުމެވެ!"
ގަމާރު އޭނާއަށް ދޮގު ތަޢުރީފު ދިނުމުން ހެއްލި އުފާކުރެއެވެ. އަދި އޭނާ މޮޅުކޮށްގެން ވާހަކަ ދެއްކުމުން ވަރަށް އަޘަރުކުރެއެވެ. އޭނާ އަށް އެއީ ޙައްޤު ނޫން އެއްޗެއް ކަމުގައިވިޔަސްއެވެ.
⬆️ގަމާރެއް ދެނެގަތުން ވަނީ 6 ސިފަޔަކުންނެވެ:
1. ކަމަކާ ނުލާ ރުޅި އައުން
2. ޙައްޤުވެރި ނޫން މީހުންނަށް ހޭދަކުރުން
3. މަންފާ އެއް ނެތް ވާހަކަ ދެއްކުން
4. ކޮންމެ މީހަކަށް އިތުބާރު ކޮށް ސިއްރުތައް ފާޅުކުރުން
5. ޢަދުއްވަކާއި އެކުވެރިޔެއް ފަރަޤު ނުކުރުން
6. ހިތުތެރޭ ފޯދޭ ކޮންމެ އެއްޗެއް ފާޅުކޮށް ތިމާ އަކީ މީސްތަކުން ތެރެއިން އެންމެ ބުއްދިވެރި މީހާ ކަމަށް ހީކުރުން
⬆️ގަމާރުންނާއި އެކު ޞާޙިބުވެ އުޅުމާއި މެދު އިންޒާރު
އިބްނު އަބީ ޒިޔާދު ވިދާޅުވިއެވެ: ބައްޕަ އަހަރެން ގާތު ދެންނެވިއެވެ: ”އަހަރެންގެ ދަރިފުޅާއެވެ! ބުއްދީގެ އަހުލުވެރިންނާއި އެކުގައިވާ ށެވެ. އަދި އެވެރިންނާއި އެކުގައި އިށީނދެ ހަދާށެވެ. އަދި ގަމާރުންނާއި ދުރުހެލިވާށެވެ. އެހެނީ ގަމާރެއް ކައިރީ އިށީނދެ އެހެނަސް އަހަރެންގެ ބުއްދި އުނިވާ ޙާލުގައި މެނުވީ އަހަރެންނެއް ނުތެދުވަމެވެ.“
⬆️ގަމާރެއް ދެކެ ރުޅި ނުއަންނާށެވެ.
ޢަބުދު ﷲ ބުނު ޙަބީޤު ވިދާޅުވި އެވެ: ﷲ عز وجل މޫސާ عليه السلام އަށް ވަޙީ އިއްވެވި އެވެ: "ގަމާރު މީހާ އަށް ރުޅި ނުއަންނާށެވެ. އެހެނީތިބާގެ އުދާސްތައް އިތުރުވެއެވެ."
އަދި އަލްޙަސަން ވިދާޅުވި އެވެ: ގަމާރުންނާއި ގުޅުން ކަނޑާލުމާކީ ﷲ عز وجل އާއި ވެވޭ ކުއްތަން ވުމެކެވެ.
އަދި ސަލްމާން ބުނު މޫސާ ވިދާޅުވި އެވެ: ތިނެއްޗެއް އެކަތި އަނެކެއްޗާއި އެއްފަދަވެގެން ނުވެއެވެ: ޙިލްމު ވެރިކަމާއި ގަމާރު ކަން، ޝަރަފުވެރި ކަމާއި ނުލަފާކަން އަދި (ﷲއަށް) ބިރުވެތި ވުމާއި ފާޖިރުކަމެވެ.
⬆️މީސްތަކުން ވަނީ ހަތަރު ބަޔަކަށެވެ.
އަލްއަޙްނަފް ބުނު ޤައިސް ވިދާޅުވި އެވެ: އަލްޚަލީލް ބުނު އަޙްމަދު ވިދާޅުވި އެވެ:
މީސްތަކުން ހަތަރެކެވެ: އެނގޭ މީހެއް، އަދި އޭނާއަށް އެނގޭކަންވެސް އޭނާ ދަނެއެވެ. މިއީ ޢިލްމުވެރިޔެކެވެ. އޭނާ ފުށުން ހޯދާށެވެ. އަދި އެނގޭ މީހެއް، އަދި އެހެނަސް އޭނާ އަށް އެނގޭކަން އޭނާ އަށް ނޭނގެއެވެ. އެއީ ހަނދުމަނެތިފައި ވާ މީހެކެވެ. އޭނާ އަށް ހަނދުމަ ކޮށް ދޭށެވެ. ނޭނގޭ މީހެކެވެ. އަދި އޭނާއަށް ނޭނގޭކަން ވެސް އޭނާއަށް އެނގެއެވެ. އެއީ ހޯދާމީިހެކެވެ. އެނާއަށް އުނގަންނައިދޭށެވެ. ނޭނގޭ މީހެކެވެ. އަދި އޭނާއަށް ނޭނގޭކަން ވެސް އޭނާއަށް ނޭގެއެވެ. އެއީ ގަމާރެކެވެ. އޭނާ އެއްލާލާށެވެ.
އަދިވެސް ވިދާޅުވި އެވެ: މީސްތަކުން ހަތަރެކެވެ. އޭގެ ތެރެއިން ތިން މީހަކާއި ވާހަކަ ދައްކާ ށެވެ. އަދި އެކަކާއި ވާހަކަ ނުދައްކާ ށެވެ. (ޢިލްމު) އެނގޭ މީހެކެވެ. އަދި އޭނާއަށް އެނގޭ ކަންވެސް އޭނާ އަށް އެނގެ އެވެ. އޭނާ އާއި ވާހަކަ ދައްކާ ށެވެ. (ޢީލްމު) އެނގޭ މީހެކެވެ. އަދި އޭނާ ދެކެނީ އޭނާ އަށް ނޭނގޭ ކަމަށެވެ. އޭނާ އާއި ވާހަކަ ދައްކާ ށެވެ. ޢިލްމުވެރި ނޫން މީހެކެވެ. އަދި އޭނާ ދެކެނީ އޭނާ އަށް ނޭނގޭ ކަމަށެވެ. އޭނާ އާއި ވާހަކަ ދައްކާ ށެވެ. ޢިލްމުވެރި ނޫން މީހެކެވެ. އަދި އޭނާ ދެކެނީ އޭނާ އަށް އެނގޭ ކަމަށެވެ. އޭނާ އާއި ވާހަކަ ނުދައްކާ ށެވެ.
=
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.