ހެޔޮ އަޚްލާޤަކީ ދަޢުވަތާއި ސުންނަތުގެ ރާސްތާއެވެ. އެހެނަސް އެއީ ޙައްޤު ދެނެގަތުމުގެ ވަޒަނެއް ކަމުގައި ނުވެއެވެ
✨ހެޔޮ އަޚްލާޤަކީ ދަޢުވަތާއި ސުންނަތުގެ ރާސްތާއެވެ. އެހެނަސް އެއީ ޙައްޤު ދެނެގަތުމުގެ ވަޒަނެއް ކަމުގައި ނުވެއެވެ.
❞ ބަސްބުނުމުގެ އަޚްލާޤިއްޔަތަކީ ˺އޭނާ ބަޔާން ކުރާ˹ ފިކުރިއްޔާތުގެ ސަލާމަތް ތެރިކަން މިނެކިރާ ވަޒަނެއް ނޫނެވެ. މީހެއްގެ ބަސްމަގުގައި މަޑުމޮޅިކަމެއް ނެތި، ބަހުރުވަޔާއި އިބާރާތުގައި ގަދަބަދަވިކަން ހުރެ ، ޚުލްޤުހެޔޮކަން ކުޑަވެ، އެޔާއި އެކުވެސް އެކަމެއްގެ ރަނގަޅު ބުނުން އޮތީ އޭނާގެ ފުށުގައި ކަމަށް ވެދާނެއެވެ. އޭނާގެ ގޮތްކުޑަ ކަމީ އޭނާގެ ޤަޥްލު ޤަބޫލު ކުރުމަށް އޮތް ހުރަހަކަށް ހަދައިގެން ނުވާނެއެވެ. މިގޮތުން މީހެއްގެ ޚުލްޤު ހެޔޮވެފައި ޠަބީއަތް ނަލަ ވެފައި އަދަބުވެރިކަމުގައި އަރައިހުރެމެ، އޭނާގެ ޤަޥްލު ޙައްޤާއި ޚިލާފުކަމަށް ވެސް ވެދެއެވެ. މީހެއްގެ ޤަޥްލުގެ ޞައްޙަކަން ކަނޑައެޅުމަށް ދަލީލެއް ކަމުގައި ޚުލްޤުހެޔޮކަން އަހަރެމެން ކަނޑަޅައިގެން ނުވާނެއެވެ.
އެހެނަސް ބަސްމަގުގައި ޚުލްޤުހެޔޮކަމާއި އަދަބުވެރިކަން އޮތުމީ ޢާންމުގޮތެއްގައި ބަސް ޤަބޫލު ކުޅައުމަށް މަގުފަހިކޮށްދޭކަމެވެ. އަދި ޚަސީލަތް ގޯސް ވުމާއި، ޢިބާރާތުގައި ހިތްހަރު ކަމާއި އަޑުލުމީ ބަސް ޤަބޫލު ނުކުޅައުމަށް މަގުފަހިކުރުވާ ކަމެކެވެ. އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:
▶️وَقُولُوا لِلنَّاسِ حُسْنًا◀️ (البقرة 83) [މާނައީ: އަދި ތިޔަބައިމީހުން މީސްތަކުންނަށް ˺އޯގާތެރި˹ ހެޔޮބަސްބުނާށެވެ!] ⁽¹⁾ އަދި މިއީ ނަބިއްޔު ﷺ ގެ ޚުލްޤުފުޅެވެ. އަދި އެކަލޭގެފާނު ދެއްކެވިމަގުން ހިދާޔަތް ލިބިގަތް މީހުންގެ ވެސް ޚުލްޤެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު 🖋
ـــــــــــــــــ
[1] އިބްނު ކަޘީރު އޭގެ ތަފްސީރުގައި ވިދާޅުވިއެވެ:
އެބަހީ އެއުރެންނަށް ހެޔޮ ރިވެތި ބަހުން ވާހަކަދައްކައި އުޅޭށޭ އެވެ. އަދި އެވެރިންނަށް މަޑުމޮޅިވުމެވެ. އަދި ހެޔޮބަސް ބުނުމުގެ ތެރޭގައި ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީ ކުރުންވެސް ޝާމިލުވެއެވެ. އެއީ ޙަސަނުލް ބަޞްރީ ވިދާޅުވިފަދައިންނެވެ: [މިއާޔަތުގައިވާ] ”ހެޔޮ ބަހަކީ“ ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީ ކުރުމެވެ. އަދި ކެތްތެރިވެ ޙިލްމުވެރިކަމާއި ޢަފޫ ކުރުމާއި މަޢާފުވެރި ވުމެވެ. އަދި އޭގެ ތެރޭގައި ﷲ ރުއްސަވާ ވޮޑިގެންވާ އެންމެހާ ހެޔޮ ޚުލްޤެއްވެސް ޝާމިލުވެއެވެ.“
އަދި އަބޫ ޛައްރުގެ އަރިހުން އިމާމް އަޙްމަދު ރިވާކުރެއްވިޔޭ، ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ:
«لَا تَحْقِرَنَّ مِنَ الْمَعْرُوفِ شَيْئًا وَإِنْ لَمْ تَجِدْ فَالْقَ أَخَاكَ بِوَجْهٍ مُنْطَلِق»
މާނައީ، ”ހެޔޮކަމުގެ ތެރެއިން އެއްވެސް ކަމެއް ކުޑަކަމެއް ކަމުގައި ނުދެކޭށެވެ. އަދި ތިބާގެ އަޚާ އާއި ދިމާވާހިނދު އުޖާލާ މޫނެއް ދައްކާލުން ނޫން ކަމެއް ނެތަސް، އެކަން ވެސް ކުރާށެވެ.“
އަދި މިޙަދީޘު ˺ލަފްޛުގެ ކުޑަ ތަފާތަކާއިއެކީ˹ މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި އަދި އައްތިރުމިޛީ ވެސް ރިވާކުރައްވައި ޞައްޙަ ކުރެއްވިއެވެ.
ހެޔޮބަސް ބުނުމަށް ﷲ އަޅުތަކުންނަށް މިއާޔަތުގައި އެންގެވީ އޭގެ އިހަށް އިޙްސާންތެރި ވުމުގެ ވާހަކަ އަންގަވާފައެވެ. އެގޮތުން، ހެޔޮ ޚުލްޤުގެ ދެބައި ޛިކުރު ކުރެއްވިއެވެ: އެއީ ހެޔޮ ބަސްމަގާއި، ހެޔޮ ޢަމަލެެވެ.“ — اهـ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.