ތޫމާ ޙަކީމްބޭ ގެ ވާހަކަ
ތޫމާ ޙަކީމްބޭ ގެ ވާހަކަ:
އަލްޙަކީމް (ބޭސްވެރިޔާ ނުވަތަ ބުއްދިވެރިޔާ) ތޫމާ، މީނާ ގެ ބައްޕަ އަކީ ބޭސްވެރިޔެކެވެ. އަދި ބައްޕަ ނިޔާވުމަށްފަހު ބައްޕަގެ ފޮތްތައް އޭނާ އަށް ވާރުތަ މުދަލުގެ ތެރޭން ލިބުނެވެ. އެހެންކަމުން އޭގެން އޭނާ މަސައްކަތް ފެށިއެވެ.
އެއްފަހަރެއްގައި ލޮލުރޯގާ ޖެހިގެން އެއަށް ފަރުވާ ހޯދުމަށް ތޫމާ ގާތަށް މީހެއް އައެވެ. ވީމާ ލޮލަށް ކަޅު ހަރުފައިގެ ހަންދުލި އެޅުމަށް އޭނާ ބުންޏެވެ. ދެން ލޯ އިތުރަށް ގޯސްވެ، އަދި އެއްކޮށް އަނދިރިވެއްޖެއެވެ. ދެން މީސްތަކުން އޭނާ އެބޭސް ހޯދި މަޞްދަރާއިމެދު ސުވާލުކުރުމުން ފޮތެއް ހުޅުވިއެވެ. އޭގައިވެއެވެ: «الحَيَّة السَّوداء شفاء مِن كلّ داء» "ކަޅު ހަރުފަ ގައި ކޮންމެ ބައްޔަކަށް ޝިފާ ވެއެވެ."
އެހެންކަމުން އޭނާ އަތުގައި އޮތް ލިޔުމުގައި، ކުޑަ ކުށެއް ވީކަން ހާމަވިއެވެ. އެއީ ފޮތް ފަންޏެއް ވަނީ އެ ޖުމްލާގައިވާ [ب] ގެ ދަށުން ބޮއެ ލޯވަޅެއް އަޅާފައެވެ. އެހެންކަމުން «الحبة» އޮންނަންވީތާގައިވާ [ب] ވަނީ އިތުރު ތިއްކެތް ވާހެން «الحية» މިހެން ފެންނާށެވެ. ކަޅު «الحبة» (އޮށް) ބަދަޅުގައި މިވަނީ ކަޅު «الحية» އެބަހީ ހަރުފައޭ އެވެ. އަދި އެބަހުގެ އަޞްލަކީ ނަބަވީ ޙަދީޘް ފުޅު «الحَبَّةُ السَّوْدَاءُ شِفَاءٌ مِنْ كُلّ دَاء» "ކަޅު އޮށް (އެބަހީ: ކަޅުދިރި) ގައި ކޮންމެ ބައްޔަކަށް ޝިފާ ވެއެވެ."
ބުނެވެއެވެ: އޭނާ ގެ ސަބަބުން އެތައް ބަޔަކު މަރުވިއެވެ.
އަބޫ ޙައްޔާން ވިދާޅުވިއެވެ:
إذا رمت العلوم بغير شيخ
ޝޭޚެއް ނުލާ ޢިލްމުތައް ހޯދާނަމަ ދެން ތިބާ
ضللت عن الصراط المستقيم
އޮޅިދެޔޭ ސީދާ އެއެއްވާ ތެދުމަގުން ހަމަ ތިބާ
وتلتبس الأمور عليك حتى
އެއީ ކަންކަންއޮޅި ވާނުވާވެ ވަންދެން ތިބާ
تصير أضل من ”توما الحكيم”
"އަލްޙަކީމި ތޫމާ"އަށް ވުރެ ގެއްލިމަގު ހަމަތިބާ
(ކުރިން މިޅެން އެއްކޮށް ގެނެވިފައިވާނެއެވެ.)
އަދި ތޫމާގެ ޙިމާރާއި މެދު ބުނެވޭ މިޘާލުބަސް އިހު ބަޔާން ވެވިއްޖެއެވެ.
އަހަރެން ބުނަމެވެ: ވީމާ ފޮތް ކިޔައި އެދުރެއް ނުވާ މީހާގެ ހިމާރުކަން މިހާ ބޮޑުވެގެންވާ ހިނދު، ފޮތެއް ނުކިޔާ އެދުރެއް ކަމުގައި ހީކުރާ މީހާގެ ހަލާކު ގެ ބޮޑުކަމާއެވެ!
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.