އުފާކުރާށެވެ. އޭ ކަމަނާއިންގެ ބެލެނިވެރީންނޭވެ!)
①
☘ (އުފާކުރާށެވެ. އޭ ކަމަނާއިންގެ ބެލެނިވެރީންނޭވެ!)
(ހ)
ޖާބިރުގެ ބައްޕާފުޅު ޢަބްދު ﷲ ބުނު ޙަރާމް، އުޙުދު ގެ ދުވަހު ޤަތުލުވެވަޑައިގަނެ، އަންހެން ދަރިން ދޫކުރެއްވި ހިނދު، ޖާބިރު އެކުދިންނަ ބަލަހައްޓައި ޚަރަދު ކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން، ނަބިއްޔު ﷺ ޖާބިރު އަށް އޯގާތެރިވެލައްވަވައި ރަޙުމް ކުރެއްވިއެވެ.
(ށ)
ޢާއިޝާ رَضِيَ اللَّهُ عَنْها ވިދާޅުވިއެވެ: ”އަހަރެންގެ ގާތަށް ދެއަންހެން ކުދިން އުރައިގެން މިސްކީނު އަންހެން ކަނބަލެއް އައެވެ. އެހެންކަމުން ތިން ކަދުރުއޮށް އަހަރެން އެކަމަނާއަށް އަރުވައިފީމެވެ. ވީމާ އެކުދިންކުރެ ކޮންމެ ކުއްޖަކަށް އެކަނބުލޭގެ ކަދުރެއް ދިނެވެ. ދެން އަމިއްލައަށް ކެއުމަށްޓަކައި (ބާކީ އޮތް) ކަދުރު އަނގަޔާ ހަމަޔަށް ގެންދިޔަތަނުން، އެކުދިންތައް އެޔަށް އެދުނެވެ. އެހެންކަމުން އަމިއްލަޔަށް ކެއުމަށް އެދުނު ކަދުރު އެދެކުދިން ދެމެދަށް ބަހައިލިއެވެ. މި (އޯގާވެރި) ޢަމަލު އަހަރެން ޢަޖާއިބުކުރުވި އެވެ. އެހެންކަމުން ރަސޫލު ﷲ ﷺ ގާތު އެވާހަކަ ދެންނެވީމެވެ. އެހިނދު ޙަދީޘް ކުރެއްވިއެވެ:
«إِنَّ اللَّهَ قَدْ أَوْجَبَ لَهَا بِهَا الْجَنَّةَ أَوْ أَعْتَقَهَا بِهَا مِنَ النَّارِ»
”ހަމަކަށަވަރުން އެޢަމަލުގެ ސަބަބުން ﷲ އެކަނބުލޭގެއަށް ޖަންނަތް ކަށަވަރު ކުރެއްވިއެވެ.“ ނުވަތަ (ޙަދީޘް ކުރެއްވީ) ”އެޢަމަލުން އެކަނބުލޭގެ ނަރަކައިން މިންޖުކުރެއްވިއޭ“ އެވެ. — ރިވާކުރެއްވީ مسلم އެވެ.
(ނ)
ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ:
«من عال ابنتين أو ثلاث بنات أوأختين أوثلاث أخوات حتى يبلغن أو يموت عنهن كنت أنا وهو وأشار بالسبابة والوسطى»
”ދެ އަންހެން ކުދިން ނުވަތަ ތިން އަންހެން ކުދިން ނޫނީ ދެ އުޚްތުން ނުވަތަ ތިން އުޚްތުން، އެވެރިން ބާލިޣުވެއްޖައުމާއި ހަމައަށް ނުވަތަ މަރުވުމާއި ހަމައަށް ބަލަހައްޓައިފި މީހާ، ފަހެ ތިމަންކަލޭގެފާނާއި އޭނާ (ވަނީ މިފަދައިންނެވެ.)“ އަދި އެހިނދު އެކަލޭގެފާނުގެ ޝަހާދަތް އިނގިއްޔާއި މެދު އިނގިލިން (ޖެހިޖެހިގެންވާކަން) އިޝާރާތް ކުރެއްވިއެވެ.“
— ރިވާކުރެއްވީ އަޙްމަދު، ޞައްޙަ ސަނަދަކުންނެވެ.
(ރ)
ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ:
«من كان له ثلاث بنات فصبر عليهن وأطعمهن وسقاهن وكساهن من جِدَتِه كن له حجابا من النار يوم القيامة»
”ތިން އަންހެން ދަރިން ތިބެއްޖެ މީހެއް، އަދި އެވެރިންނާއި މެދު ކެތްތެރިވެ، އޭނާގެ މުދަލުން އެވެރިންނަށް ކާންދީ، ކަރުހިއްކުން ފިލުވައިދީ އަދި އައްނައުނު ދީފިމީހާ، އެވެރިން ވާހުށީ ޤިޔާމަތް ދުވަހުން ނަރަކައިން އޭނާ ރައްކައުތެރިކޮށްދޭ ޙިޖާބެއް ކަމުގައެވެ.“
— ރިވާކުރެއްވީ އިބްނު މާޖާ، ޞައްޙަ މިޞްރީ ސަނަދަކުން ނެވެ.
މިއަންހެން ކުދިން، ފަހެ ބަނޑުފުރާނަ މުއްތިކޮށްދީ، އުނުއޮރިޔާން ފިލުވަދީ، ޤުރުއާނާއި ސުންނަތާއި، އަދަބާއި އަޚުލާޤު އުނގަންނަވައިދީ، ދެން ބޮޑުކޮށް، ބަލިކަށިކަމާއި ލައިގަންނަހިނދު ތިބާއަށްޓަކައި الله ﷻ ދުޢާކޮށް، ދެން އެއިލާހު ޢިޖާބަކުރައްވަތެވެ.
(ބ)
ޢާއިޝާ ވިދާޅުވިއެވެ: ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: «من ابتُلِي من هذه البَنَاتِ بِشيءٍ كُنَّ له سِتراً من النّار» ”މި އަންހެން ދަރީންގެ ސަބަބުން އެއްވެސް އިމްތިޙާނެއް ޖެހިއްޖެ މީހާ، ދަންނައެ، އެކުދިން ވާހުށީ އޭނާއަށް ނަރަކައިން ވެވޭ ފަރުދާއަކަށެވެ.“ — މުތަފަޤުން ޢަލައިހި.
މުސްލިމްގެ ރިވާޔަތުގައި އިތުރަށް ވެއެވެ: فَأحَسنَ إليهنَّ. ”އެހެންކަމުން އެއުރެންނަށް ހެޔޮކޮށް ހިތާށެވެ.“
(ޅ)
ތިބާގެ އަންހެން ދަރީންނަށް ހޭދަކޮށް އެވެރިންނަށް ޚިދުމަތްކުރުމުގައި ބުރައަޅާއިރު، ނަބިއްޔު ﷺ ގެ މިޙަދީޘް ފުޅު ހަނދުމަ ކުރާށެވެ:
من عال جاريتَيْن حتى تبلُغا، جَاء يوم القيامةِ أنا وهُو . وضمَّ أصابِعَه. أخرجه مسلم.
”ދެ އަންހެންދަރިން ބާލިޣުވުމާއި ހަމައަށް (ހެޔޮގޮތުގައި) ބަލައި ބޮޑުކޮށްފި މީހާ ( ދަންނާށެވެ! ) ޤިޔާމަތްދުވަހުން އެމީހަކު ތިމަންކަލޭގެފާނާއި ވާނީ މިފަދައިންނެވެ.“ މިހެން ޙަދީޘް ކުރައްވައި އެކަލޭގެފާނުގެ އިނގިލިފުޅުތައް ކައިރިކޮށްލެއްވިއެވެ.
(ކ)
މުޙައްމަދު ބުނު ސުލައިމާން އަލްއަންބާރީ رحمه الله ވިދާޅުވިއެވެ: ”ފިރިހެން ދަރީންނަކީ ނިޢުމަތެކެވެ. އަންހެން ދަރީންނަކީ ހެއުުތަކެކެވެ. އަދި ﷲ عَز َّوجَلَّ ނިޢްމަތްތަކަށް ހިސާބު ކުރައްވަތެވެ. އަދި ހެޔޮތަކަށް އަޖުރުދެއްވަތެވެ.“
—ބައްލަވާ : الآداب الشرعية لابن مفلح.
=
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.