އަވަސް ޚުލާސާ: ދަމުނަމާދު ނޫނީ ތަރާވީސް ކުރުމަށް އެންމެ މޮޅުއިތުރު ވަޤުތާއި އޭގެ އަދަދާއި މެދުކެނޑުންތައް އަދި ވިތުރީގެ އަދަދާއި ޤުނޫތުގެ…
☑️އަވަސް ޚުލާސާ: ދަމުނަމާދު ނޫނީ ތަރާވީސް ކުރުމަށް އެންމެ މޮޅުއިތުރު ވަޤުތާއި އޭގެ އަދަދާއި މެދުކެނޑުންތައް އަދި ވިތުރީގެ އަދަދާއި ޤުނޫތުގެ ޙުކުމް
އައްޝެއިޚް ސުލައިމާން އަލްޢަލްވާންގެ ”ޤިޔާމުއް ލައިލް“ ފޮތުގެ މައްޗަށް ބަލައި
1️⃣ ރަކުޢަތުގެ އަދަދު
ޢުމަރުގެފާނު ގެ ޚިލާފަތުގައި 21 ރަކުޢަތް ނޫނީ 23 ރަކުޢަތް ކުރުމަށް އެންގެވިކަމަށް ނޫނީ އެޒަމާނުގައި ކުރެވުނުކަމަށް ހުރި ރިވާޔަތްތައް ޘާބިތެއް ނޫނެވެ. އަދި ސަނަދުވަނީ ކެނޑިފައެވެ.
ޞައްޙަގޮތުގައި ވާރިދުވެފައިވަނީ ޢުމަރުގެފާނުގެ 11 ރަކުޢަތް ކުރުމަށް އެންގެވިކަމެވެ.
ތަޙައްޖުދު ނުވަތަ ދަމުނަމާދު ނުވަތަ ތަރާވީހުގައި ނަބިއްޔާ ﷺ ގެ އަރިހުން ޞައްޙަގޮތުގައި އެންމެގިނައިން ތަކުރާރުކޮށް އެކަލޭގެފާނު ކުރެއްވިކަމަށް ވާރިދުވެފައިވާ މަޝްހޫރު އަދަދަކީ 11 އެވެ. މިއީ 3 ރަކުޢަތް ވިތުރި އާއި ލައިގެނެވެ. (ވިތުރި އާއި ބެހޭ ތަފްޞީލެއް ނިމުމުގައި ވާނެ)
2️⃣ ސަލާމް ދިނުން މޮޅުއިތުރީ ކިތައް ރަކުޢަތުންތޯ
އަދި މި 11 ރަކުޢަތް ކުރުން ވަނީ، 4 ރަކުޢަތް ކޮށްފައި ދެން 4 ރަކުޢަތް ކުރުމެވެ. އެޔަށްފަހު ވިތުރީގެ 3 ރަކުޢަތެވެ. މިއީ އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު އަރިހުން ރިވާވެގެންވާ ފަދައިންނެވެ.
ދެން މިގޮތަށް 4 ރަކުޢަތް ކުރާ އިރު މެދައް އައްތަޙިއްޔާތެއް ލުމާއި މެދު، ވަކިގޮތެއް ވާރިދުވެފައި ނުވެއެވެ. މިކަމުގައި އިޚްތިޔާރު ތަނަވަސް ވެގެންވެއެވެ.
އަދި އެދެމެދު ސަލާމް ދިނުން ވާޖިބުތޯ އާއިމެދު ޚިލާފެއް ވެއެވެ:
⬆️އަބޫ ޙަނީފާގެ މަޛުހަބުގައި މޮޅު އިތުރު ގޮތަކީ 4 ރަކުޢަތުން ސަލަމް ދިނުމެވެ.
⬆️އެހެނަސް އަޙްމަދުގެ އަރިހުން އެކަން މަކުރޫހަކަމަށް އައިސްފައިވެއެވެ. މިއީ އިބްނު ޢުމަރުގެ ރިވާޔަތަށް ބުރަވެލައްވައެވެ. (އަދި ޝާފިޢީންނާއި މާލިކީންގެ އަރިހު މޮޅުއިތުރީ 2 ރަކުޢަތުން ސަލާން ދިނުމެވެ.)
އިބްނު ޢުމަރުގެ ރިވާޔަތުގައި، ދަމުނަމާދުވަނީ 2 ރަކުޢަތުން 2 ރަކުޢަތުންނޭ، ވެއެވެ. އަދި މީގެ މައްޗަށް ބަލައި 4 ރަކުޢަތުން ސަލާމް ދިނުން ހުއްދަނޫންކަމަށް ޙަންބަލީން ޢިލްމުވެރިން ވިދާޅުވެއެވެ.
އެހެނަސް އެރިވާޔަތުގެ މައްޗަށް ބަލައި ދެރަކުޢަތުން ސަލާން ދިނުން ވާޖިބުތޯ ޞަރީޙަ ނޫން ކަމަށް އަލްޢަލްވާން ދެކިލައްވައެވެ. އަދި ހަމަ އެފަދައިން ޢާއިޝަތުގެފާނު ގެ ޙަދީޘް ގައިވެސް 4 ރަކުޢަތް ކުރައްވަނީ (ދެވަނަ ރަކުޢަތުގައި) ސަލާމް ނުދެއްވާކަމެއް ނުވަތަ ނޫންކަމެއް ޞަރީޙަނޫން ކަމުގައެވެ. އަދި މިޚިލާފު ތަކުގެ މައްޗަށް ޢިލްމިވެރިން މިކަމުގައި މޮޅުއިތުރު ގޮތައި މެދުގައި ދެބަސްވެ ލެއްވިކަމުގައެވެ.
މީގެ މައްޗަށް: އަލްޢަލްވާން ވިދާޅުވެފައިވަނީ 4 ރަކުޢަތުން އަދި 2 ރަކުޢަތުން ކުރުންވެސް ދޭހަވާކަމަށާއި، ދެގޮތްވެސް ބޭނުންކުރުމަށެވެ. ވަޤުތާއި ޙާލަތާއި ލުއިފަސޭހަކަމާއި ތަނުގެ މައްޗަށް މި އިޚްތިޔާރު ހިފުމެވެ. (މި ނުކުތާ ފަހުން ތަފްޞީލުކޮށްލާނަމެވެ. އިންޝާ ﷲ)
3️⃣ތިން ރަކުޢަތުގެ ވިތުރި ކުރާނޭގޮތް
11 ރަކުޢަތް ކުރާ އިރު ފަހަތުގައި މިވާ 3 ރަކުޢަތް ވިތުރީގައި ވަނީ އެހެންޏާ ފަހުއައްތަހިއްޔާތު އެކަނި އިށީނުމެވެ. ނޫނީ ދެވަނަ ރަކުޢަތުގައި އައްތަހިއްޔާތު ކިޔައި ސަލާމް ދިނުމެވެ. ދެން ވަކިން އެއްރަކުޢަތް ކުރުމެވެ.
4⃣11 ރަކުޢަތަށް ވުރެ އިތުރުކުރުން ހުއްދަތޯ
ދަންވަރުގެ މިނަމާދުތަކަށް ވަކި އަދަދެއް ކަނޑައެޅިފަނުވެއެވެ. (ގިނައިން ކުރުން މަނަލެއް ނޫނެވެ.) އަދި މިކަމުގެ މައްޗަށް އިބްނި ޢަބްދުލް ބައްރު އިޖްމާޢު ނެރުއްވިއެވެ.
އެހެނަސް ރަކުޢަތް ގިނަ ކުރުމަށްވުރެ މޮޅު އިތުރީ، 11 ރަކުޢަތް ކޮށް، ޤިޔާމާއި (އެބަހީ ކޮޅަށްހުރެ ކިޔެވުމާއި) ރުކޫޢު އާއި ސަޖިދަ ދިގުކުރުމެވެ.
5⃣ ވިތުރީގެ އަދަދު
ވަކިން ކުރައްވާ އިރު ވިތުރި 3 ރަކުޢަތަށް ވުރެ އިތުރު ކުރެއްވިކަން ޘާބިތެވެ. އެއީ 3 ގެ އިތުރުން 5، 7 އަދި 9 ރަކުޢަތަށެވެ.
އަދި މިއަދަދުތަކަށް ވިތުރި ކުރާ އިރު އެނަމާދު ކުރާގޮތުތުގެ ޚުލާސާއެއް ކުރިން ލިޔެވިފައިވާނެއެވެ. (ކިޔާލުމަށް)
އެހެނަސް ޖުމްލަކޮށް އެކަލޭގެފާނު ޢާންމު ގޮތެއްގައި، އަދި ޞަޙާބީންވެސް ޖަމާޢަތުގައި ކުރައްވަނީ (ވިތުރިއާއި އެކު ދަމުނަމާދު ނޫނީ ތަރާވީހުގައި) 11 ރަކުޢަތެވެ.
6⃣ ވިތުރީގައި ޤުނޫތު ކިޔުމުގެ ޙުކުމް
ދެން ވިތުރީގައި ޢަންމުގޮތެއްގައި ޤުނޫތު ކިޔުން ޘާބިތު ނޫން ކަމަށް ހަމަ އަލްޢަލްވާންގެ މިފޮތުން ގެނެސް އަހަރެމެންގެ ކުރީގެ ލިޔުމެއްގައި އޭގެ ތަފްސީލުބަޔާން ކޮށްފައިވާނެއެވެ. (ކިޔައިލުމަށް)
⚠️އަދި ޞަޙާބީން އަރިހުން މިކަން ޘާބިތީ: ހަމައެކަނި ރަމަޟާން މަހުގައި، އެމަސް ދެބައިވުމަށް ފަހުގައެވެ.
7⃣ ތަރާވީސް ކުރުމަށް މޮޅުއިތުރު ވަޤުތު
އަދި ދަމު ނަމާދު ކުރުމުގައި ރޯދަ މަހު މޮޅު އިތުރީ ކޮން ވަޤުތެއްގައިތޯ އާއި ޖަމާޢަތުގައި ނުވަތަ ވަކިން ތޯ އާއި މެދު އަހަރެން ވާނީ ކުރިން ތަފްޞީލު ގެނެސްފައެވެ.
⬆️އިމާމް މީހާ އާއި އެކު ތަރާވީޙް ނަމާދު ކުރުމުގެ ފަޟުލު
⬆️ވިތުރި ކުރުން މޮޅުއިތުރީ، އެހެންޏާ ޖަމާޢަތާއި އެކު މިސްކިތުގައިތޯ ނޫނީ ގޭގައިތޯއެވެ؟
الله أعلم.
~ ގަލަންދާނު 🖋
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.