ރުކޫޢު އާއި ސަޖިދާގައި ކީރިތި ޤުރުއާނުން ވާރިދުވެފައިވާ ދުޢާ ކިޔުމުގެ ޙުކުމް
📌 ރުކޫޢު އާއި ސަޖިދާގައި ކީރިތި ޤުރުއާނުން ވާރިދުވެފައިވާ ދުޢާ ކިޔުމުގެ ޙުކުމް
❞ އަދި ރުކޫޢު ގައި (ހަމައެފަދައިން ސަޖިދާގައި) ޤުރުއާން ކިޔެވުން ހުއްދަވެގެންނެއް ނުވެއެވެ. މިސަބަބަށްޓަކައި ނަބިއްޔު ﷺ، ރުކޫޢު (އަދި ސަޖިދައި) ގައި ޤުރުއާން (ކިޔެވުން) ނަހީ ކުރެއްވިއެވެ. އެއީ ޞަޙީޙް މުސްލިމް ގައި⁽¹⁾ ވާރިދުވެފައިވާ ފަދައިން ނެވެ. މިއީ އެހެނަސް ޤުރުއާނުން ދުޢާއެއް މީހަކު ނަގައިފި ހިނދެއްގައި މެނުވީއެވެ. އަދިފަހެ ނަބިއްޔު ﷺ (ރުކޫޢު އާއި ސަޖިދާގައި) ޤުރުއާން ތައުވީލު ކުރެއްވިއެވެ.⁽²⁾ އަދި (އެދެ މަޤާމުގައި) ވިދާޅުވެލައްވައެވެ: «سُبْحَانَكَ ، اللَّهُمَّ رَبَّنَا وَبِحَمْدِكَ ، اللَّهُمَّ اغْفِرْ لِي» އެއީ އެކަލޭގެފާނު ﷺ ގެ އަރިހުން ޞައްޙަ ކޮށް ވާރިދުވެފައިވާ ފަދައިން⁽³⁾ ނެވެ.
....(ޞ. 142-143)
އަދި ނަބިއްޔު ﷺ ގެ މި ޤަޥްލުފުޅު: «سُبْحَانَكَ ، اللَّهُمَّ رَبَّنَا وَبِحَمْدِكَ ، اللَّهُمَّ اغْفِرْ لِي» މިއިން ރުކޫޢު އަކީ (ވެސް) ދުޢާއު ކުރުމުގެ ޖަގަހަތަކުގެ ތެރެއިންވާ ތަނެއްކަމަށް ދަލީލުކޮށްދެއެވެ. އެއީ އިންސާނާއަށް އެދަނޑިވަޅުގައި ލިބުނު މިންވަރަކުން ދުޢާ ކުރުމެވެ. އެއީ ރައްބު جل وعلا މަތިވެރި ކުރުމާއި އެކުއެކީގައެވެ.⁽⁴⁾ އަދި މިކަމުން މިޙަދީޘް ނަފީ ނުކުރެއެވެ: «وأَمَّا اَلرُّكُوعُ فَعَظِّمُوا فِيهِ اَلرَّبَّ» (އަދި ރުކޫޢި ގައި، ފަހެ އޭގައި ރައްބު މަތިވެރިކުރާހުށި ކަމެވެ.)⁽⁵⁾ ، އެހެނީ (އެބަހީ: އެޙަދީޘް އާއި ފުށުއެރުމެއް ނުވާ ސަބަބަކީ) މިޛިކުރަކީ ނަބިއްޔު ﷺ އެކިޔަވާ ވިދާޅުވާ މަތިވެރި ކުޅައުމުގެ މައްޗަށް އިތުރު ކުރައްވާ އެއްޗެކެވެ. ❝
— އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އައްޠަރީފީ
("ޞިއްފަތު ޞަލާތިއް ނަބިއްޔި ﷺ " ފޮތުގެ ޞ 138 ، ޑރ. މާހިރް އަލްފަޙްލު ގެ ތަޢުލީޤާއި އެކުގައިވާ ޗާޕު)
~ ގަލަންދާނު
______________
[1] އެއީ މުސްލިމް ރިވާކުރެއްވި ޢަލިއްޔި ބްނި އަބީ ޠާލިބް ގެ ޙަދީޘް (480 އަދި 2078) ގައިވާ ފަދައިންނެވެ.
[2] «ޤުރުއާން ތައުވީލު ކުރެއްވިޔޭ» ”އެބަހީ: އެކަލޭގެފާނަށް ޤުރުއާނުން އަމުރުވެވުނު ކަންތައް (ރުކޫޢު އާއި ސަޖިދާގައި) ތަންފީޒު ކުރެއްވި އޭ އެވެ. އެހެނީ، އެކަލާނގެ ބަސްވަޙީ: {فَسَبِّحْ بِحَمْدِ رَبِّكَ} [النصر:3] (ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ޙަމްދު އާއެކު ތަސްބީޙަ ވިދާޅުވާށެވެ!) އެކަމުގެ ތަންފީޒަކީ: سبحانك اللهم ربنا وبحمدك އެވެ. އަދި އިތުރުއެކަލޭގެފާނުގެ ބަސްފުޅު: (اللهم اغفر لي) އަކީ އެއިލާހުގެ މިވަޙީ ގެ ތަންފީޒެވެ: {وَاسْتَغْفِرْهُ} [النصر:3] “ اهـ .
(ބައްލަވާ: شرح سنن أبي داود للعباد - المجلد 113 - الصفحة 11 )
[3] ރިވާކުރެއްވީ: އަލްބުޚާރީ (817) އަދި މުސްލިމް (484) ، މިއީ ޢާއިޝާގެ ޙަދީޘް އިން.
[4] ރުކޫޢު އާއި ސަޖިދާގައި، ﷲ މަތިވެރި ކުރުން ތެރޭ ހިމެނޭ ޛިކުރުތަކީ: سُبْحَانَكَ ، اللَّهُمَّ رَبَّنَا وَبِحَمْدِكَ އޭ ކިޔުމެވެ. (އެއަށް ފަހު اللّهُـمَّ اغْفِـرْ لي ބުނެ ދުޢާއެވެ. މިއީ ެިހު ބަޔާންވެވުނު އަލްބުޚާރީ އާއި މުސްލިމްގެ ރިވާޔަތެކެވެ. ޢާއިޝާގެ އަރިހުންނެވެ.) އަދި ހަމަ އަރަހުށި އިލާހު މަތިވެރި ކުރުމަށް މިޖަގަހައިގައި «سُبْحَانَ رَبِّيَ الْعَظِيمِ» ކިޔެވިދާނެއެވެ. އެއީ އަބޫ ދާޥޫދު ރިވާކުރެއްވި އިބްނު މަސްޣޫދުގެ ޙަދީޘްގައިވާ ފަދައިން ތިންފަހަރެވެ. (އެއީ ސަޖިދާގައި ނަމަ: سُبْحَانَ رَبِّيَ الأَعْلَى އެވެ.) ނުވަތަ ޞަޙީޙް މުސްލިމްގެ ރިވާޔަތުގައިވާ «سُبـّوحٌ قُـدّْوس ، رَبُّ الملائِكَـةِ وَالـرُّوح» އެވެ. އެއީވެސް ޢާއިޝާ އަރިހުން ނެވެ. އަދި ޢަލީ ގެ އަރިހުން ވާރިދުވީ މުސްލިމް ގެ ރިވާޔަތުގައިވާ ފަދައިން «اللّهُـمَّ لَكَ رَكَـعْتُ وَبِكَ آمَـنْت، ولَكَ أَسْلَـمْت ، خَشَـعَ لَكَ سَمْـعي، وَبَصَـري ، وَمُخِّـي، وَعَظْمـي، وَعَصَـبي» ކިޔުމެވެ — މިއީ ރުކޫޢު ގައެވެ.(ސަޖިދާގައި ނަމަ: اللّهُـمَّ لَكَ سَـجَدْتُ ، وَبِـكَ آمَنْـت ، وَلَكَ أَسْلَـمْت ، سَجَـدَ وَجْهـي للَّـذي خَلَقَـهُ وَصَـوَّرَهُ وَشَقَّ سَمْـعَـهُ وَبَصَـرَه ، تَبـارَكَ اللهُ أَحْسـنُ الخـالِقيـن) ނުވަތަ ޢަޥްފު ބުނު މާލިކު އަރިހުން އަބޫ ދާޥޫދު ރިވާކުރެއްވި «سُبْـحانَ ذي الْجَبَـروت، والمَلَـكوت، وَالكِبْـرِياء، وَالْعَظَـمَةِ» ނުވަތަ މުސްލިމް ގެ — އެހެން — ރިވާޔަތެއްގައި (485) ވާފަދައިން: «سُبْحَانَكَ وَبِحَمْدِكَ لاَ إِلَهَ إِلاَّ أَنْتَ» ކިޔުމެވެ. މިއީ ހުސް އަރަހުށި އިލާހު ތަޢްޡީމު (އެބަހީ: މަތިވެރި) ކުރުމުގެ ތެރެއިން ރުކޫޢު އާއި ސަޖިދާގައި ވާރިދުވެފައިވާ ޞައްޙަ ޛިކުރުތަކެވެ. (މަޞްދަރުގެ ޞ. 141 - 142 ބައްލަވާ)
[5] އިބްނު ޢައްބާސްގެ ޙަދީޘް އިން ރިވާކުރެއްވީ މުސްލިމް (479) ގައި.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.