ތަރާވީޙް ނަމާދު، އެނަމާދު ކުރަންވީ ގޭގައި ހެއްޔެވެ؟ ނޫނީ މިސްކިތުގައި ހެއްޔެވެ؟
ތަރާވީޙް ނަމާދު، އެނަމާދު ކުރަންވީ ގޭގައި ހެއްޔެވެ؟ ނޫނީ މިސްކިތުގައި ހެއްޔެވެ؟
ނަބިއްޔު ﷺ (ތަރާވީޙް) ނަމާދުގައި ޤިޔާމުވެލެއްވެވުމުން ދެން (އެކަލޭގެފާނުގެ ފަހަތުގައި) މީހުން ޤިޔާމުވިއެވެ. ދެން އަނެއްދުވަހު ވެސް ޤިޔާމުވެލައްވައި އެކަލޭގެފާނުގެ ނަމާދުގައިމީހުން ބައިވެރިވި އެވެ. ދެން އެއަށްފަހު ނަބިއްޔު ﷺ އެއުރެންގެ ގާތަށް (އެ ނަމާދަށް) ނިކުމެވަޑައި ނުގަންނަވަ އެވެ. އެއީ އެކަން ފަރުޟު ވެދާނެކަމަށް ބިރުވެތިވެ ލައްވައެވެ.⁽¹⁾ ޢިލްމުވެރިން ޤިޔާމުގެ ނަމާދު (އެބަހީ: ދަމުނަމާދު) ޝަރުޢު ވެގެންވާ ކަމާއި މެދު ޚިލާފުވެވަޑައި ނުގަންނަވައެވެ. އަދި މިއީ މިކަމުގައި އިޖުމާޢުވެވިގެންވާ އެއްޗެކެވެ. އެއީ ރަމަޟާން މަސް ނޫނީ އެހެން މަހެއްގައި ވިޔަސް މެއެވެ. މިއާއިއެކު ރަމަޟާން މަހުގައި އެނަމާދު ޖަމާޢަތުގައި ކުރުން، މިއީ ފަހެ ހަމަކަށަވަރުން އަޞްޙާބުން (رَضِيَ اللَّهُ عَنْهُمْ) އެކަން ޢަމަލީ ގޮތުން ކުރައްވައި އޭގެ މައްޗަށް އިޖުމާޢުވެލެއްވި ކަމެކެވެ. އެހެނީ ޢުމަރު ބުނުލް ޚައްޠާބު ގެ ވެރިކަމުގައި މީސްތަކުންނާއި އެކު އެގާރަ ރަކްޢަތާއިގެން ޤިޔާމު ވުމަށް، އުބައްޔު ބުނު ކަޢުބު އަދި ތަމީމުއް ދާރީ އަށް އަމުރުވެވުނެވެ.⁽²⁾
ދެންފަހެ ތަރާވީޙް ނަމާދަކީ ތޭވީސް ރަކުޢަތް ކަމަށް ވާރިދުވެފައިވާ އާޘާރު ތަކަކީ، އޭގެން އެންމެހާ އެއްޗެއް މަޢުލޫލް (ހާމަނޫން ގޮތުގައި ބަލިކަށި) ތަކެއްޗެވެ. އަދި އެއިން އެއްވެސް އެއްޗެއް ނަބިއްޔު ﷺ އަރިހުން ޞައްޙަ ގޮތުގައި ވާރިދުވެފައި ނުވެއެވެ. މިއާއި އެކުވެސް އަޞްޙާބު ބޭކަލުން މިނަމާދު ޖަމާޢަތުގައި ކުރެއްވިކަމީ، އެނަމާދު ޖަމާޢަތުގައި ކުރުން މުޞްތަޙިއްބު ވާ ކަމެކެވެ. އަދި އެއީ ސުންނަތެކެވެ. އަދި މޮޅު އިތުރީ އެނަމާދު ގޭގައި ކުރުން ކަމުގައި ބިނާ ވަނީ ޢުމަރު (رَضِيَ اللَّهُ عَنْهُ) އަރިހުން ޛިކުރުވެވިގެންވާ ބަސްފުޅަކުންނެވެ: "އެހެނަސް (މިނަމާދަށްފަހު) ނިދީގައި ގެއްލޭ އެތި މިނަމާދުން ފެންނަ އެއްޗަށްވުރެ ހެޔޮވެގެންވެއެވެ."⁽³⁾ މިހެން ކަމުން ޢިލްމުވެރިން ކުރެ ބައިގަނޑެއް މިއިން ފަހުމުވެލެއްވީ: ގޭގައި ކުރެވޭ ނަމާދު މޮޅުއިތުރު ވެގެންވާ ކަމެވެ. އަދި މިބުނުމާއިމެދު ދެބަސްވުމެއް ވެއެވެ. އެހެނީ ޢުމަރު މި މާނައެއް އެއިން ޤަޞްދެއް ނުކުރައްވައެވެ. ހަމަކަށަވަރުން ޢުމަރު (رَضِيَ اللَّهُ عَنْهُ) އެއިން ޤަޞްދު ކުރެއްވީ ޖަމާޢަތުގައި ކުރެވޭ ނަމާދު މޮޅުއިތުރު ކަމެވެ. އެހެނަސް ރޭގަނޑުގެ ފަހު ދަންފަޅީގައި އެނަމާދު ކުރުމީ އެދެވިގެންވާ ގޮތްކަމެވެ. އެހެނީ ޢުމަރު (رَضِيَ اللَّهُ عَنْهُ) ވިދާޅުވީ "(މިނަމާދަށްފަހު) ނިދީގައި ގެއްލޭ އެތި މިނަމާދުން ފެންނަ އެއްޗަށްވުރެ ހެޔޮވެގެންވެއޭ" އެވެ. އަދި "އެނަމާދު ގޭގައި ކުރާމީހުން މޮޅުއިތުރު އޭ" އެކޭ ވިދާޅެއް ނުވެއެވެ. ހަމަކަށަވަރުން ވިދާޅުވި "(މިނަމާދަށްފަހު) ނިދީގައި ގެއްލޭ އެތި މިނަމާދުން ފެންނަ އެއްޗަށްވުރެ ހެޔޮވެގެންވެއޭ" އެވެ. އެބަހީ، އެނަމާދު ރޭގަނޑުގެ ފަހު ދަންފަޅީގައި ކުރުން، ރޭގަނޑުގެ ފުރަތަމަ ދަންފަޅީގައި ކުރުމަށް ވުރެ މޮޅު އިތުރު ކަމެވެ. ދެންފަހެ އެނަމާދު މިސްކިތުގައި ކުރާނީތޯ؟ އާއެކެވެ. އެނަމާދު މިސްކިތުގައި ތިބާ ކުރާށެވެ. އެހެނީ މިއީ ޢުމަރު (رَضِيَ اللَّهُ عَنْهُ) ގެ ދައުރުގައި މުސްލިމުން އެކަމުގެ މައްޗަށް އިޖުމާޢުވެފައިވާ ގޮތެވެ. އަދި އޭރުގައި އަޞްޙާބުންގެ ތެރެއިން ޢަލީ އަދި ޢުޘްމާން ފަދަ ބޮޑެތީން ތިއްބެވި އެވެ. އަދި މުހާޖިރުންނާއި ޢަންޞާރުން (رَضِيَ اللَّهُ عَنْهُمْ) ގެ ބޮޑެތީންވެސް މެއެވެ. އަދި އޭގެ ތެރެއިން އެކެއްވެސް މިކަމަށް އިންކާރު ކުރައްވާފައެއް ނުވެއެވެ.
— ޝައިޚް ސުލައިމާން ބުނު ނާޞިރް، އަލްޢަލްވާން (މަޞްދަރު)
~ ގަލަންދާން
____
(1) މިރިވާޔަތުގެ އަޞްލަކީ، ޒައިދު ބުނު ޘާބިތު ގެ އަރިހުން އަލްބުޚާރީ 7290 އަދި މުސްލިމް 781 ގައި ރިވާކުރެއްވި ޙަދީޘެވެ.
(2) ބައްލަވާ މާލިކް ގެ މުވައްޠައު (1 / 115)
(3) ޢަބްދުއް ރަޙްމާން ބުނު ޢަބްދުލް ޤާދިރު ގެ މަގުން، ރިވާކުރެއްވި އަލްބުޚާރީ 2010 ގައެވެ. މިޙަދީޘް ގެ ރާވީ ވިދާޅުވިއެވެ: "އެކަލޭގެފާނު އިޝާރާތްކުރެއްވީ ރޭގަނޑުގެ ފަހު ދަންފަޅީ މައްޗަށެވެ. އެހެންވިޔަސް މީސްތަކުން ޤިޔާމުވެ އުޅެނީ ފުރަތަމަ ދަންފަޅީގައެވެ."
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.