جَزَاكَ اللَّهُ خَيْرًا މިދުޢާ ކިޔުމުގެ މޮޅުއިތުރުކަން ބަޔާންވެވުނު ޙަދީޘްގެ ޞައްޙަ ކަމުގެ މައްޗަށް ނަޒަރެއް
❶
جَزَاكَ اللَّهُ خَيْرًا މިދުޢާ ކިޔުމުގެ މޮޅުއިތުރުކަން ބަޔާންވެވުނު ޙަދީޘްގެ ޞައްޙަ ކަމުގެ މައްޗަށް ނަޒަރެއް.
(އަދި މިދުޢާ ކިޔާ މީހަކަށް ދޭން ލާޒިމު ވަކި ޚާއްޞަ ރައްދެއް ޝަރުޢުވެގެން ނުވެއެވެ. އެފަދައިން ދެކުމަކީ ބިދުޢައެކެވެ.)
ޙަދީޘް:
އުސާމަތަ ބްނި ޒައިދް އަރިހުން އައްތިރުމިޛީ ރިވާކުރެއްވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވި އެވެ:
" مَنْ صُنِعَ إِلَيْهِ مَعْرُوفٌ فَقَالَ لِفَاعِلِهِ جَزَاكَ اللَّهُ خَيْرًا فَقَدْ أَبْلَغَ فِي الثَّنَاءِ "
”އެމީހަކަށް ހެވެއް ކޮށްދެވިއްޖެ މީހެއް، އެކަން ކޮށްދިން މީހާއަށް، جَزَاكَ اللَّهُ خَيْرًا ބުނެފި މީހާ، ޘަނާ ކިޔުމުގައި ފުރިހަމަ މިންވަރު އަދައުކޮށްފިއެވެ.“
އަބޫ ޢީސާ (އައްތިރުމިޛީ) މިޙަދީޘް ރިވާކުރެއްވުމަށްފަހު ވިދާޅުވިއެވެ: ”މި ޙަދީޘް އަކީ ޙަސަން ޖައްޔިދު ޣަރީބު ޙަދީޘެކެވެ. (އާދަޔާ ޚިލާފު ގޮތެއް ސަނަދުގައި ވޭމެ، ހެޔޮ ރަނގަޅު ރިވާޔަތެކެވެ.) އުސާމާ، ބުނު ޒައިދުގެ ޙަދީޘްތަކުން މި ސަނަދުން މެނުވީ މި ޙަދީޘް ރިވާވެފައިނުވެއެވެ.“
ޚުލާޞާ ޙުކުމް:
އަލްބައްޒާރު މިޙަދީޘް ރިވާކުރައްވައި ޟަޢީފު ކަމަށް އިޝާރާތްކުރެއްވިއެވެ.
އަދި އައްތިރުމިޛީ «ޢިލަލި» ގައި އަލްބުޚާރީ އަރިހުން ސުވާލުކުރެއްވުމުން މިޙަދީޘް "މުންކަރު" ކަމަށް ވިދާޅުވިކަމަށް ނަގުލު ކުރެއްވިއެވެ. (އެބަހީ: ޞައްޙަ އަދި ވަރުގަދަ ރިވާޔަތް ނުވަތަ ސަނަދާއި ޚިލާފުވެ ޤަބޫލުވެވިގެން ނުވާކަމެވެ.) « تَرْتِيبِ عِلَلِ التِّرْمِذِيِّ لأَبِي طَالِبٍ الْقَاضِي »(1/315/ح589)
އަދި އިބްނު އަބީ ޙާތިމް « عِلَلُ الْحَدِيثِ »(ج6/ص338/2570) ވެސް މުންކަރު ކަމަށް ވިދާޅުވި އެވެ. އަދި އެނޫން ތަނެއްގައި "މަޥްޟޫޢު" ކަމަށްވެސް ކަނޑައެޅުއްވިއެވެ. « الأَحَادِيثُ الْمُخْتَارَةُ »(ج5/ص589/2197)
އަދި މިއަށް ބާރުދޭ އިތުރު ރިވާޔަތްތައްވެސް ވެއެވެ. އެހެނަސް އެއެންމެހާ ރިވާޔަތެއްވެސް ބަލިކަށްޓެވެ. އަދި އަޙްމަދު ޝަޙާތަތުލް އަލްފީ މިޙަދީޘް ގެ ތަޚުރީޖުގައި މިއެންމެހާ ރިވާޔަތެއް ތަފްޞީލު ކުރައްވައި ބަޔާން ކުރެއްވިއެވެ.
އެއަށްފަހު މިރަދީޘްގެ ޚުލާޞާއަކަށް ވިދާޅުވިއެވެ:
”އަލްބައްޒާރުގެ ރިވާޔަތް ބޭރުފުށަށް "ޙަސަން" (ދަރަޖައިގައި ޞައްޙަ) އެވެ. އެހެނީ ސުޢައިރު ބުނުލް ޚިމްސް އާއި އަލްއަޙްވަޞް ބުނު ޖައްވާބު އަކީ ތެދުވެރިންނެވެ. އަދި ބައެއް އިމާމުން އެވެރިން އިތުބާރުވެވިގެންވާ މީހުން ތެރޭ ކަނޑައެޅުއްވިއެވެ. މިހެންކަމުން އައްތިރުމިޛީ މިޙަދީޘް ޙަސަން (ޙަސަން ޣަރީބު) ކުރެއްވިއެވެ. އަދި އިބްނި ޙިއްބާން ޞައްޙަ ކުރެއްވިއެވެ. އަދި އައްޟައްޔާއުލް މަޤްދިސީ ވެސް މެއެވެ.
އަދި (މިއާއި އެކުވެސް) ޙަދީޘް ގެ "ޢިލަލި" (ނުސީދާ ބަލިކަށިކަމުގެ) އިމާމުން، އަލްބުޚާރީ އަދި އަބޫ ޙާތިމް މިޙަދީޘް، މި ސާނަދުގައި، "މުންކަރު" ކަމަށް ވިދާޅުވިއެވެ. އަދި އަލްބުޚާރީ ވިދާޅުވިއެވެެ: ”ސުޢައިރު ބުނުލް ޚިމްސި ފުށުން އައިސްފައިވަނީ ވަރަށް މަދު ޙަދީޘެކެވެ. އަދި އޭނާ ކިބައިން (ގިނަ) މުންކަރު ޙަދީޘްތައް ރިވާވެފައިވެއެވެ.“
އަދި އަބޫ ޙާތިމް ވިދާޅުވިއެވެ: ”އޭނާގެ ޙަދީޘްތައް އޭނާ ލިޔެއުޅުނެވެ.* އޭނާ ފުށުން (ރިވާޔަތް) ބޭނުންވެގެން ނުވެއެވެ.“
*(މިއީ ޙަދީޘް ޢިލްމުގައި ޢައިިބެކެވެ. އެއީ ޙަނދާން ބަލިކަމާއި ކުށްޖެހުން އޭގައި ހިމެނޭތީއެވެ.)
އަދި އެނޫން ގޮތަކުން، (މި ޟަޢީފުކަން އައިސްފައިވަނީ) އަލްއަޙްވަޞް ބްނި ޖައްވާބިއް ޟައްބީ ގެ (أَوْهَامِ) އޮޅުންތަކުން ކަމަށް ވެދާނެއެވެ. އެހެނީ (ޚުދު) އިބްނު ޙިއްބާން އާއި އިބްނު ޙަޖަރު ވިދާޅުވިއެވެ: ”އެއީ ތެދުވެރިއެކެވެ. (އެހެނަސް ރިވާކުރުމުގައި) އޮޅުން އެރުން އެކަށީގެން ވެއެވެ.“
އަދި މުތައައްޚިރުން (ފަހުގެ ޢިލްމުވެރިންގެ މިންގަނޑަށް ޙަދީޘް މިނެކިރާ) ގިނަ ބޭކަލުން މިޙަދީޘް ޞައްޙަކުރިއެވެ. އެއީ ސަނަދުގެ ބޭރުފުށުގެ ޞައްޙަކަމަށް ބަލައެވެ. އަދި އޭގެ ރާވީންގެ މިންގަނޑެއްކަމަށް (އެވެރިންނާއި މެދު ބުނެވިފައިވާ) "އިތުބާރުވުން" ، އިތުބާރުވުމާއި އެކު ކުށްޖެހުމާއި އޮޅުން އެރުމާއި މުންކަރު ޙަދީޘް ރިވާކުރާކަމުގެ (އިޝާރާތުގެ) މައްޗަށް އިސްކުޅައުމެވެ.“ اهـ.
އަދި ޝައިޚް ޚާލިދުލް ޙަޔަކް، އުސާމާ ބުނު ޒައިދު އާއި އަބޫ ހުރައިރާ އަރިހުން މި ޙަދީޘް ވާރިދުވެފައިވާ ކަން ފާހަގަ ކުރެއްވުމަށްފަހު ވިދާޅުވިއެވެ: ”އަދި އެދެރިވާޔަތްވެސް މުންކަރެވެ. ޞައްޙައެއް ނޫނެވެ.“
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.