ޘާބިތުވެވޭނެނަމަ މޮޅުއިތުރީ މީސްތަކުންނާއި އެއްވެ އުޅުމެވެ
✈️ ޘާބިތުވެވޭނެނަމަ މޮޅުއިތުރީ މީސްތަކުންނާއި އެއްވެ އުޅުމެވެ.
❞ ސުވާލު: މި ޙަދީޘް ގެ ޞައްޙަކަމުގެ ދަރަޖައަކީ ކޮބައިތޯއެވެ: «المؤمن الذي يخالط الناس ويصبر على أذاهم خير من المؤمن الذي لا يخالط الناس ولا يصبر على أذاهم» ”މީސްތަކުންނާއި އެއްވެ އުޅޭ އަދި އެވެރިންގެ ދުއްތުރާތަކަށް ކެތްތެރިވެ ހުންނަ މުއުމިނު މީހާ، މީސްތަކުންނާއި އެއްވެ ނޫޅޭ އަދި އެވެރިންގެ ދުއްތުރާތަކަށް ކެތްތެރިވެ ނުހުންނަ މުއުމިނަށް ވުރެ ހެޔޮވެގެން ވެއެވެ.“
ޖަވާބު: މިއީ ޖައްޔިދު ޙަދީޘެކެވެ. (އެބަހީ: އޭގެ ސަނަދު ޙަސަން ޞައްޙަ ދަރަޖައެވެ.) އަދި މުސްލިމް ގައި ރިވާވެފައިވެޔޭ، ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ:
«الْمُؤْمِنُ القَوِيُّ، خَيْرٌ وَأَحَبُّ إلى اللهِ مِنَ المُؤْمِنِ الضَّعِيفِ، وفي كُلٍّ خَيْرٌ احْرِصْ على ما يَنْفَعُكَ، واسْتَعِنْ باللَّهِ وَلا تَعْجَزْ، وإنْ أَصابَكَ شيءٌ، فلا تَقُلْ لو أَنِّي فَعَلْتُ كانَ كَذا وَكَذا، وَلَكِنْ قُلْ قَدَرُ اللهِ وَما شاءَ فَعَلَ، فإنَّ لو تَفْتَحُ عَمَلَ الشَّيْطانِ »
”ﷲ ގެ ޙަޟްރަތުގައި ނިކަމެތި މުއުމިނާއަށް ވުރެ ވަރުގަދަ މުއުމިނާގެ ހެޔޮކަމާއި ލޮބުވެތިކަން ބޮޑުވެގެންވެއެވެ. އަދި އެއިން ކޮންމެ މީހެއްގެ ކިބައިގައި ވެސް ހެޔޮކަން ވެއެވެ. ތިބާއަށް ފައިދާހުރި ކަންތަކަށް ތިބާ ދަހިވެތިވާށެވެ! އަދި ތިބާ ﷲގެ ޙަޟްރަތުން ވާތްގަށް އެދޭށެވެ! އަދި ތިބާ ނުކުޅެދުންތެރި ނުވާށެވެ! ތިބާއާ މުޞީބަތެއް ކުރިމަތިވެއްޖެނަމަ، ފަހެ ، ތިބާ ނުބުނާށެވެ. އަހުރެން މިވެނި ކަމެއް އެވެނި ކަމެއް ކުރިނަމަ މިވެނި ކަމެއް އެވެނިކަމެއް ވީހެވެ. އެހެނަސް ތިބާ ބުނާށެވެ. އެއީ ﷲ ގެ މިންވަރުފުޅެވެ. އަދި އެކަލާނގެ އިރާދަފުޅު ކުރެއްވި ކަމެއް ވެދެއެވެ. ފަހެ ހަމަކަށަވަރުން ” ނަމަ” އަކީ ޝައިޠާނާގެ ޢަމަލުތަކަށް ދޮރު ހުޅުވައިދޭނެ ކަމެކެވެ.“
— މިޙަދީޘަކީ މުސްލިމް އެކަލޭގެފާނުގެ "ޞަޙީޙު" ގައި ރިވާކުރެއްވި ޙަދީޘެކެވެ.⁽¹⁾
އަަދި ކުރިން ބަޔާން ވެވުނު ޙަދީޘަކީ އައްތިރުމިޛީ އާއި އެނޫން ބޭކަލުން ރިވާކުރެއްވި ޙަދީޘެކެވެ. ⁽²⁾ (މީސްތަކުންނާއި އެއްވެ އުޅޭ އަދި އެވެރިންގެ ދުއްތުރާތަކަށް ކެތްތެރިވެ ހުންނަ މުއުމިނު... — މިޙަދީޘް) އަދި މިއީ "ޙަސަން" ޙަދީޘެކެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު 🖋 | #حديث_صحيح
💎އަަހަރެން ބުނަމެވެ: އިބްނު ވަޒީރު އަލްޔާމާނީ (840 ހ.) މިކަން ބަޔާން ކުރައްވައި ވިދާޅުވިއެވެ:
ފަހެ އެކަނިވެރިކޮށް ހުންނަމީހާ އިޢުތިޤާދު ކުރާށެވެ: ތެދު ޙަޤީޤަތަކީ، އެކެހެރިވުމީ ޝައިޠާނާގެ މަޅިއަށް ދީލައިލާ ބަލިކަށި އަޅުންނަށްވާ އަޅުކަން ކަމެވެ. މިއާ ޚިލާފަށް ވަރުގަދަކަމާއި މަތިވެރި ދަރަޖައިގެ އަހުލުންނަކީ މީސްމީހުންނާއި އެއްވެއުޅުމުގެ ސަބަބުން ގެއްލުން ނުލިބޭ މީހުން ކަމެވެ. އަދި ކިއެއްތަ؟ މިވެރިން އެއްވެއުޅުމުގެ ސަބަބުން އެނބުރި އިޞްލާޙުވަނީ އަނެކުންނެވެ. މީސްތަކުންގެ ޙައްޤުތަށް މިބައިމީހުން އަދާކުރެއެވެ. އަދި އޭގެތެރެއިން ޖާހިލުންނަށް އުނގަންނައިދެއެވެ. އޭގެން ނިކަމެތީންނަށް މަދަދުދެއެވެ. އޭގެން ޙައްޤުވެރީންނަށް ނަޞްރުދެއެވެ. ބާޠިލު ބައިގަނޑަށް ނިކަމެތިކަމެވެ. އެވެރިންގެ ހެޔޮ ޢަމަލުގެ ތެރެއިން އެންމެ އެއްޗެއްވެސް، އެކަހެރިވެގެން ތިބޭ މީހުންގެ އެންމެހާ ހެޔޮ ޢަމަލަކަށްވުރެ ހެޔޮ ވެދާނެއެވެ...
(الأمر بالعزلة ޞ. 165)
ــــــــــــــــــــــــ
[1] އަޙްމަދު (2/366، ނަންބަރު 8777)، މުސްލިމް (4/2052، ނަންބަރު 2664)، އަދި އިބްނު މާޖާ (2/1395، ނަންބަރު 4168) ގައި. އޭގެ އިތުރުން: އަލްޙުމައިދީ (2/474، ނަންބަރު 1114)، އައްނަސާއީ "އަލްކުބްރާ" (6/159، ނަންބަރު 10457) ގައި، އަބޫ ޔަޢުލާ (11/124، ނަންބަރު 6251) ގައި، އިބްނު ޙިއްބާން (13/28، ނަންބަރު 5721)، އަދި އަލްޙާކިމް (1 /404)، އައްދައިލަމީ (4/187، ނަންބަރު 580)، އަދި އަލްބައިހަޤީ (10/89، ނަންބަރު 19960) ގައި.
[2] ޞަޙާބީންގެ ތެރެއިން "މުސްކުޅި ބޭކަލެއްގެ އަރިިހުން" ޙަދީޘް: އައްތިރުމިޛީ (ނަންބަރު 2507) އަދި އަޙްމަދު (5/365، ނަންބަރު 23147)، އަދި އަލްބައިހަޤީ (10/89، ނަންބަރު 19962) ގައި. އޭގެ އިތުރުން: އިބްނު އަބީ ޝައިބާ (5/293، ނަންބަރު 26220) ގައި.
އަދި އިބްނު ޢުމަރުގެ ޙަދީޘް: ރިވާކުރެއްވީ އައްޠަބަރާނީ "އަލްޢަޥްސަޠު" (6/109، ނަންބަރު 5953) ގައި، އަދި އަލްބައިހަޤީ (10/89، ނަންބަރު 19961) ގައި. އޭގެ އިތުރުން: އައްޠަޔާލިސީ (ޞަފްޙާ 256، ނަންބަރު 1876)، އަލްޙިލްޔާގައި އަބޫ ނަޢީމް (5/62)، އަދި އިބްނު ޤާނީޢު (2/83) ގައި.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.