ކުޅަދާނަވެގެންވާ މީހާ ވީމިންވަރަކުން ފިޤުހުވެރިވުން ވާޖިބެވެ. އަދި އަވަދިނެތިވެއްޖެ މީހާ ތަޤްލީދުކުރުން ހުއްދައެވެ

💎 ކުޅަދާނަވެގެންވާ މީހާ ވީމިންވަރަކުން ފިޤުހުވެރިވުން ވާޖިބެވެ. އަދި އަވަދިނެތިވެއްޖެ މީހާ ތަޤްލީދުކުރުން ހުއްދައެވެ.
❞ ދެޞަޙީޙު ގައި ނަބިއްޔު ﷺ އަރިހުން ޘާބިތުވެފައިވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ:
«مَنْ يُرِدِ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ» ”ﷲ އެކަލާނގެ އަަޅަކަށް ހެޔޮގޮތް އިރާދަކުރައްވާ ނަމަ ، އެއަޅަކަށް ދީނުގެ ފިޤުހު (ޢިލްމާއި ވިސްނުމާ ފަހުމްް) ދެއްވައެވެ.“
އަދި މިއިން ލާޒިމުވަނީ، ދީނުގައި ފިޤުހުވެރި ނުކުރައްވާ މީހަކަށް، އެއިލާހު ހެޔޮ އިރާދަ ކުރައްވާފައި ނުވާކަމެވެ. ވީމާ ދީނުގައި ފިޤުހުވެރިވުމީ ފަރުޟެއް ކަމުގައި ވެއެވެ. އަދި ”ދީނުގައި ތަފައްޤަހު“ ވުން، އެބަހީ: ޝަރުޢީ އަޙްކާމުތައް، ސަމްޢިއްޔަ ދަލީލުތަކުން⁽¹⁾ މަޢްރިފާކޮށް ⌝ދެނެގަނެވުމެވެ.⌜ މިގޮތަށް ދަނެ ނުގަނެވިއްޖެ މީހާ، ދީނުގައި މުތަފައްޤިހު ވެއްޖެ މީހަކަށް ނުވެއެވެ.
⚠️ނަމަވެސް އެމީހެއްގެ އެންމެހާ ކަންކަމެއްގައިވާ ތަފްޞީލިއްޔަ-ދަލީލުތައް ދެނެގަތުމަށް ކުޅެދުންތެރި ނުވާ މީހުން، މީސްތަކުންގެ ތެރޭ ވެއެވެ. ވީމާ ދެނެގަތުމަށް އޭނާ ނުކުޅެދިގެންވާ ތަކެތިން ⌝މިފަރުޟުކެނޑި⌜ ވީއްލިދެއެވެ. މާތުރަ، މިއީ ފިޤުހުވެރި ނުވެވެވޭ ކޮންމެ ކަމެއްގައި ނޫނެވެ. އަދި އޭނާ އަށް ކުޅަދާނަ ވެއްޖެ އެއްޗެއް، އޭނާއަށް ލާޒިމުވެގެން ވެއެވެ. [އެބަހީ: ދެނެގަތުމުގެ ބާރު ނެތުމާއި ފިޤުހުވެރި ނުވެވުމާއި މިއީ ދެކަމެކެވެ. ވީމާ ދެނެގަތުމުގެ ކުޅަދާނަކަން ހުރެމެ، ބަލައިނުހޯދޭ ކަމުން އޭގައި ފިޤުހުވެރި ނުވެ ހުރެދާނެއެވެ. މިފަދަ މީހާގެ ބޮލުން މިވާޖިބު ނުކެނޑެއެވެ.]
⚠️ ދެންފަހެ ދަލީލުތަކަށް ކުޅަދާނަމީހާ: ބުނެވެއެވެ:
🔘ތަޤްލީދު⁽²⁾ ކޮށްފުން އޭނާގެ މައްޗަށް ⌝އިސްތިޘްނާއެއް ނެތި⌜ މުޠްލަޤުކޮށް ޙަރާމެވެ.
🔘އަދި ބުނެވެއެވެ: އެކަން މުޠްލަޤުކޮށް ހުއްދައެވެ.
🔘އަދި ބުނެވެއެވެ: ޙާއްޖަތް އޮވެއްޖެ ހިނދު އެކަން ހުއްދައެވެ. އެއީ މިޘާލަކަށް ދަލީލު ހޯދާ ބެލުމަށް ވަޤުތު ހަނިވެގެންވާ ހިނދުގައެވެ. އަދި މިއީ މިބުނުންތަކުން އެންމެ ޢަދުލުވެރި ޤަޥްލެވެ. ❝
— ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ رَحِمَهُ ٱللَّٰهُ (މަޖްމޫޢު އަލްފަތާވާ 20/213)
~ ގަލަންދާނު
ـــــــــــــــــــ
[1] ސަމްޢިއްޔަ ދަލީލަކީ: ވަޙީއެވެ. އެއީ އަހަރެމެން އަޑުއެހީމޭ މިވެނިމީހެއް ނަޤުލު ކުރީތީ، ނަބިއްޔު ﷺ އަރިހުން، އެކަލޭގެފާނަށް ޖިބްރީލް عليه السلام ފޯރުކޮށްދެއްވި، އަދި ޖިބްރީލްއަށް އަރަހުށި ﷲ ފޯރުކޮށްދެއްވި ވަޙީއެވެ.
[2] ތަޤްލީދު ކުރުން: ދަލީލުތަކަށް ނުބަލައި، މީސްތަކުންގެ ބުނުމަށް ތަބަޢަވުމެވެ. އަދި ޢާންމު މީހާގެ މައްޗަށް ދީނީ ގޮތުން އިތުބާރުއޮތް ފަރާތަކަށް ބަރޯސާވެ މިކަން ކުރުން ހުއްދައެވެ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.