އިމާމް މުސްލިމް އެކަލޭގެފާނުގެ ޞަޙީޙު ގައި⁽¹⁾ ބާބެއް ގެންނެވިއެވެ
އިމާމް މުސްލިމް އެކަލޭގެފާނުގެ ޞަޙީޙު ގައި⁽¹⁾ ބާބެއް ގެންނެވިއެވެ:
ބާބު: ޤުރުއާނުގެ މައްޗަށް ޢަމަލު ކޮށް އެއުނގަންނައިދޭ މީހާގެ ފަޟުލު. އަދި ފިޤުހުން ނުވަތަ އެނޫން ޢިލްމަކުން ފައިދާއެއް އުނގެނި، ދެން އެއަށް ޢަމަލުކޮށް އަދި އެ އުނގަންނައިދޭ މީހާގެ ފަޟުލު.
އެއަށްފަހު ވިދާޅުވިއެވެ: ...ޢާމިރު ބުނި ވާޘިލާ އަރިހުން ރިވާވެގެން ވެއެވެ:
”ޢުސްފާން ގައި ނާފިޢު ބްނު ޢަބްދުލް ޙާރިޘު، ޢުމަރުގެފާނާއި ބައްދަލުވިއެވެ. އަދި މިކަލޭގެފާނީ ޢުމަރުގެފާނު މައްކާއަށް ޢައްޔަން ކުރައްވާފައިވާ ބޭފުޅާއެވެ.
އެހެންކަމުން ވިދާޅުވިއެވެ: ވާދީގެ އަހުލުންނަށް ކަލޭގެފާނު (ބަދަލުގައި) ޢައްޔަން ކުރެއްވީ ފަހެ ކާކުތޯއެވެ؟
ވިދާޅުވިއެވެ: އިބްނު އަބްޒާ އެވެ.
ވިދާޅުވިއެވެ: އަދި އިބްނު އަބްޒާ މިއީ ފަހެ ކޮން ބޭކަލެއްހެއްޔެވެ؟
ވިދާޅުވިއެވެ: އަހަރެމެންގެ އަޅުންތަކުން މިނިވަން ކުރެވިފައިވާ އަޅެކެވެ.
(ޢުމަރުގެފާނު ހައިރާންވެ) ވިދާޅުވިއެވެ: ފަހެ އެއުރެންގެ މައްޗަށް މިނިވަން އަޅަކު ވެރިޔެއް ގޮތުގައި ޢައްޔަން ކުރީ ހެއްޔެވެ؟
ވިދާޅުވިއެވެ: އެކަލޭގެފާނީ ﷲ عَزَّ وَجَلَّ ގެ ފޮތަށް ޤާރީވެރި ބޭކަލެކެވެ. އަދި ވާރުތަމުދަލުގެ ކަންތަކުގައި ޢިލްމުވެރި ބޭކަލެކެވެ.
(އެހިސާބުން) ޢުމަރުގެފާނު ވިދާޅުވިއެވެ: ”ގައިމެވެ. ތިޔަބައިމީހުން ގެ ނަބިއްޔާ ﷺ ޙަދީޘު ކުރެއްވިއެވެ:
«إِنَّ اللَّهَ يَرْفَعُ بِهَذَا الْكِتَابِ أَقْوَامًا وَيَضَعُ بِهِ آخَرِينَ»
”ހަމަކަށަވަރުން ﷲ، މި ޤުރުއާނުގެ ޒަރިއްޔާއިން ބަޔަކުމީހުން މަތިވެރިކުރައްވާ އަދި އަނެއްބަޔަކު ނިކަމެތިކުރައްވައެވެ.“
-------------------------
[1] މިޙަދީޘް ރިވާކުރެއްވީ މުސްލިމް 817 ގައެވެ. (ނޯޓް މީގައިވާ އިނގިރޭސި ތަރުޖާމާގައި ކުށްވެއެވެ. އިނގިރޭސި ތަރުޖަމާގައި އަޙްމަދުގެ ރިވާޔަތް ރަނގަޅެވެ.)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.