މި ދުޢާ ގެ ޞައްޙަ މިންވަރަކީ ކޮބައިތޯއެވެ: اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ ...؟
📌 މި ދުޢާ ގެ ޞައްޙަ މިންވަރަކީ ކޮބައިތޯއެވެ: اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ ...؟
ޖަވާބު:
الحمد لله އަދި އަހަރެމެން ވާތްގަށް އެދެނީ އެއިލާހު ޙަޟުރަތުންނެވެ.
ޢާއިޝާ رضي الله عنها ގެ ޙަދީޘް، އެކަމަނާ ވިދާޅުވިއޭ: ތިމަންކަމަނާ ދެންނެވީމެވެ : އޭ ﷲގެ ރަސޫލެވެ! ލައިލަތުލް ޤަދްރި ރެޔަކީ ކޮންރެޔެއްކަން ތިމަންކަމަނާއަށް އެނގިއްޖެ ނަމަ، އެރޭގައި ކިޔަންވީ ކޮންއެއްޗެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: ކަމަނާ ވިދާޅުވާށެވެ : «اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ العفْوَ فاعْفُ عنِّي» (އޭ ﷲ އެވެ. އިބަ ﷲ އީ ގިނަގިނައިން ޢަފޫކުރައްވާ، ޢަފޫ ކުރެއްވުމަށް ލޯބިކުރައްވާ އިލާހެވެ. މިއަޅާއަށް ޢަފޫކޮށްދެންވާނދޭވެ!)
ރިވާކުރެއްވީ އައްތިރުމިޛީ އަދި އައްނަސާއީއެވެ. އަދި (އައްނަސާއީ) ވިދާޅުވިއެވެ: ”މިރިވާޔަތް މުރްސަލް އެވެ. (ރިވާކުރެއްވުނު ގާތުން އަޑު އެހި މީހާ ސަނަދުގައި ނެތެވެ). އަދި މީގައިވާ ބަލިކަށި ކަމަކީ، ޢާއިޝާ އަރިހުން އިބްނު ބުރައިދާ އަޑު އަހާފައި ނެތުމެވެ. މިފަދައިން އައްދާރަޤުޠުނީ ވިދާޅުވިއެވެ. އަދި އަލްބައިހާޤީ އެއަށް ތަބައުވެލެއްވިއެވެ. އަދި އިބްނު ޢަބްދުލް ހާދީ ވިދާޅުވިއެވެ: މިޙަދީޘް އާއިމެދު ދެބަސްވުން ވެއެވެ.“
އަދި އެއީ (މިރިވާޔަތް ޞައްޙަ ކަމަށް ވިދާޅުވި) އަލްޙާކިމް އަށްދެއްވި ރައްދެކެވެ. އަދި މިއީ އެޙަދީޘް ގައި ބަލިކަށިކަން އެކުލެވޭ ކަމުގެ އިޝާރާތެކެވެ. އަދި (ސަނަދުގައި) މެދުކެނޑުން ވާކަން އޭގެ ބަލިކަށިވުމަކަށް ފުދެއެވެ!
އަދި ޢާއިޝާ ގެ ޙަދީޘް ގެ (އެހެން) ލަފްޠެއް ގައި ވެއެވެ: «اللَّهُم إِنك عفُوٌّ كَريم تُحب العَفو، فَاعفُ عنّي» ރިވާކުރެއްވީ އައްތިރުމިޛީ އެވެ. އަދި މީގައި މިވާ އިތުރު ތަންކޮޅު «كَرِيم» މިއީ އޭގެ އެއްވެސް އަޞްލެއް ޢާއިޝާގެ ޙަދީޘް ގައިނުވާ އިތުރުކުރުމެކެވެ: އެހެނީ އައްތިރުމިޛީ ގެ (ސުނަން ފޮތުގެ ކޮޕީ ތަކުގެތެރެއިން) އަލްކަރޫޚީ ލިޔުއްވުމުގެ ކޮޕީ ގައި މިއެއް ނުވެއެވެ. އަދި އެއީ އައްތިރުމިޛީ ގެ ކޮޕީ ތަކުގެތެރެއިން އެންމެ ޞައްޙަކަން ބޮޑު ކޮޕީއެވެ.
އަދި މިޙަދީޘް އައްތިރުމިޛީ ވަނީ ޞައްޙަ ކުރައްވާފައެވެ. އަދި ވިދާޅުވިއެވެ: ”މިޙަދީޘް ޙަސަން ޞަޙީޙް އެވެ.“ އަދި ހަމަ އެފަދައިން އަލްޙާކިމް ވެސް މިޙަދީޘް ޞައްޙަ ކުރެއްވިއެވެ. އަދި އައްނަވަވީ އާއި އެނޫން ބޭކަލުން އެބޭކަލުންނަށް ތަބަޢަވެ ލެއްވެވިއެވެ.
އަލްއިމާމް އައްދާރަޤުޠުނީ ވަނީ ޢާއިޝާ އަރިހުން ސުލައިމާން ބުނު ބުރައިދާ އަޑުއިވުމެއް ނުވާ ކަމަށް ކަނޑައަޅުއްވާފައެވެ. އަދި ޢާއިޝާ އަރިހުން ޢަބްދު ﷲ ބުނު ބުރައިދާ އަޑު އަހާފައި ނުވެއެވެ. އެހެންކަމަށް ވަނީނަމަ، މިޙަދީޘް (ސަނަދު މެދުކެނޑުމެއްނެތި) ގުޅިފައިވާ ކަމަށް ޙުކުމް ކުރެވުނީ ފަހެ ކިހިނަކުން ހެއްޔެވެ؟ ދެން މިއާއިއެކު، (އެބޭފުޅުންނެއް ނެތި) އެކަމަނާ އަރިހުން އަޑު އަހާފައި ނުވާ ޢަބްދު ﷲ ބުނު ބުރައިދާ މީގައި އައުމަށް ޢާއިޝާގެ އަޞްޙާބުންނާއި ދަރިވަރުން ކޮބައިހެއްޔެވެ؟ ޢުރުވަތު ބުނުއް ޒުބައިރު އާއި، އަލްޤާސިމް އާއި މަސްރޫޤު އާއި ޢަމްރާ (ބިންތު ޢަބްދުއްރަޙުމާނު) ކޮބައިހެއްޔެވެ؟
އަދި މިއީ ލައިލަތުލް ޤަދްރި ރެޔާއި މެދު އައިސްފައިވާ ޚާއްޞަ ޙުކުމަކަށް ވާއިރު، އެއަކަށް މުޅި އުއްމަތް ބޭނުންޖެހޭނޭ އެއްޗަކަށް ވާއިރު، ޢަބްދު ﷲ ބުނު ބުރައިދާ ނޫން ބޭފުޅެއް މިރިވާކުރައްްވާފައި ނުވެއެވެ.
◄ އަދި ޞައްޙަ އަދި ރައްކައިތެރިކަމާއި އެކު އައިސްފައިވާ އެއްޗަކީ:
އެއީ ޢާއިޝާ رضي الله عنها ބަސްފުޅު، އެކަމަނާ ވިދާޅުވިއޭ: ”ލައިލަތުލް ޤަދްރި ވިލޭރެޔަކީ ކޮބައިކަން ތިމަންކަމަނާ އަށް އެނގިއްޖައީހީ ނަމަ، ﷲ ޙަޟުރަތުން ޢާފިޔަތަށް ނޫން ކަމަކަށް ތިމަންކަމަނާ އެރޭގައި ނުދަންނަވާހުށީމެވެ.“⁽¹⁾
ރިވާކުރެއްވީ އިބްނު އަބީ ޝައިބާ އާއި އަލްބައިހަޤީ، އޭގެ އަސާސުގައި ޞައްޙަ ކޫފިއްޔު ސަނަދަކުންނެވެ. އެކަމަނާއަށް މަޥްޤޫފު ގޮތުގައެވެ.
އަދި ފަހެ، މީހަކު «اللَّهم إنك عفوٌ تحب العفو فاعْف عنّي» މިދުޢާ ބޭނުން ކޮށް ދުޢާ ކުރަނީ ނަމަ، އޭގައި މައްސަލައެއް ނެތެވެ. އެއީ ހަމަ ދުޢާ އެކެވެ. (އެހެނަސް ލައިލަތުލް ޤަދްރި ރެޔަށް ޚާއްޞަ ދުޢާއެއް ކަމުގައި ޘާބިތު ނޫނީއެވެ.)
والله تعالى أعلم.
حرر ٢١ /١٤٤٠/٨/ هـ.
އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު⁽²⁾ (މަޞްދަރު)
~ ގަލަންދާން
_
(1) މިދުޢާ ގެ ތަފްޞީލެއް އަހަރެމެން ވާނީ ކުރިން ގެނެސްދީފައިއެވެ. ބައްލަވާ: ޢާފިޔަތަށް އެދި ދުޢާ ކުރާށެވެ! އަދި އިނގިރޭސިބަހުން (English)
(2) މިޙަދީޘް ޟަޢީފު ކަމަށް ކަނޑަ އަޅުއްވާފައިވާ ފަހުގެ މުޙައްދިޘުން ތަކުގެ ތެރޭގައި:
(ހ) ސުލައިމާން އަލް-ޢަލްވާން
(ށ) ޢަބްދު ﷲ އައްސަޢްދު (ދިވެހި)
(ނ) މާހިރް އަލް-ފަޙްލު
(ރ) މުޞްޠަފާ އަލް-ޢަދަވީ
(ބ) ޚާލިދު އަލް-ޙާޔަކް
(ޅ) ޢަބްދުލް ޢަޒީޒް އައްޠަރީފީ
(ކ) މުޤްބިލް އަލް-ވާދިޢީ
(އ) ޞާލިޙް އަލްޢަޞީމީ
އަދި އެނޫން ބޭކަލުން ހިމެނެއެވެ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.