އިމާމް މީހާ އާއި އެކު ތަރާވީޙް ނަމާދު ކުރުމުގެ ފަޟުލު
🍃 އިމާމް މީހާ އާއި އެކު ތަރާވީޙް ނަމާދު ކުރުމުގެ ފަޟުލު
ހައްނާދުގެ މަގުން އައްތިރުމިޛީ، މުޙައްމަދު ބުނުލް ފުޟައިލް އަރިހުން، ދާވޫދު ބުނު އަބީ ހިންދު އަރިހުން، އަލްވަލީދު ބުނު ޢަބްދުއް ރަޙްމާނުލް ޖުރަޝިއްޔު އަރިހުން، ޖުބައިރު ބުނު ނުފައިރު އަރިހުން، އަބޫ ޛައްރު رضي الله عنه އަރިހުން، ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ:
«مَنْ قَامَ مَعَ الإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ»
(އިމާމު ނިމެންދެން އޭނާއާ އެކުގައި ޤިޔާމުގައި (އެބަހީ: ތަރާވީޙުގައި) ބައިވެރިވެއްޖެ މީހަކަށް، މުޅިރޭ ޤިޔާމުކުރިކަމަށް ލިޔެވޭނެއެވެ.)
ބުލޫޣުލް މަރާމް ގެ ޝަރަޙައިގެ، 649 ވަނަ ޙަދީޘް ގެ ދަށުން އަލްޢަލްވާން ވިދާޅުވިއެވެ: ރިވާކުރެއްވީ އަޙްމަދު، އަބޫ ދާވޫދު އަދި އެނޫން ބޭކަލުންނެވެ. އަދި އޭގެ ސަނަދު ޙަސަން އެވެ.
އަދި ސުނަން އައްތިރުމިޛީގެ ޝަރަޙައިގެ ތެރެއިން ވިދާޅުވިއެވެ: "ރިވާކުރެއްވީ އަބޫ ދާވޫދު ވަރުގަދަ ސަނަދަކުން ނެވެ." (އަދި މީގެ މުރާދަކީ އޭނާ ނަމާދުކޮށް އަވަދިވުމާއި ހަމައަށް އޭނާ އެކު ނަމާދު ކުރުން ކަމާއި، ވިތުރި ކުރާހިނދު އެވެސް ކުރުން ކަމަށް ވިދާޅުވިއެވެ. އަދި ދަންވަރުގައި އިތުރަށް ސުންނަތް ނަމާދު ކުރަން އެދިއްޖެ މީހާ، ދެރަކުޢަތުން ދެރަކުޢަތުން ކުރެވޭނެ ކަމެވެ. ދެން އެއަށް ދަލީލުގެންނެވިއެވެ.)
އަޝައިޚް، އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް ބުނު އިބްރާހީމް، އަލްޚުޟައިރު ވިދާޅުވިއެވެ: މީގެ ސަނަދު ޞައްޙައެވެ. އަދި އައްތިރުމިޛީ އާއި އިބްނު ޖާރޫދު އާއި އިބްނު ޚުޒައިމާ އާއި އިބްނު ޙިއްބާން ވެސް ވަނީ ޞައްޙަ ކުރައްވާފައެވެ. ހަމަ އެފަދައިން އައްޠޫސީ ވެސްމެއެވެ.
އަޝައިޚް، އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ: އެއީ ޞައްޙަ ޙަދީޘެކެވެ.
އަޝައިޚް، އަލްމުޙައްދިޘް މުޞްޠަފާ އަލްޢަދަވީ ވިދާޅުވިއެވެ: އެއީ ޞައްޙަ ޙަދީޘެކެވެ.
~ ގަލަންދާން
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.