ޙަދީޘް: «إِذَا انْتَصَفَ شَعْبَانُ فَلَا تَصُومُوا» ”ޝަޢްބާން މަސް ދެބައިވުމުން ތިޔަބައިމީހުން ރޯދަ ނުހިފާ ހުށިކަމެވެ.“ — އައްޝައިޚް…
❌❌ ޙަދީޘް: «إِذَا انْتَصَفَ شَعْبَانُ فَلَا تَصُومُوا» ”ޝަޢްބާން މަސް ދެބައިވުމުން ތިޔަބައިމީހުން ރޯދަ ނުހިފާ ހުށިކަމެވެ.“
⬆️އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ:
މީގައި ރަނގަޅުގޮތަކީ: އެޙަދީޘް ޟަޢީފު ކަމެވެ. (ބަލިކަށިކަމެވެ.) އަދި (ޙަދީޘްގެ ރާވީ) އަލްޢަލާއު އަކީ ޘިއްޤާ (އިތުބާރުހުރި) މަތިވެރި ބޭފުޅަކަސް މީގައި ކުށްޖެހިވަޑައިގަތެވެ. އަދި އަޙްމަދު އާއި އިބްނު މަޢީން އަދި އަބޫ ޒަރްޢަތުއް ރާޒީ މިޙަދީޘް ޟަޢީފު ކަމަށް ކަނޑައަޅުއްވާފައި ވެއެވެ. އަދި މިޙަދީޘް ވަނީ އަންނަނިވި ޙަދީޘް އާއި ދެބަސްވާ ގޮތަށެވެ: لم يكن النبي ﷺ يصوم شهراً أكثر من شعبان. ”ޝަޢްބާން މަހަށްވުރެ ގިނައިން ނަބިއްޔު ﷺ (ފަރުޟު ނޫން) ރޯދަ ހިއްޕަވާ މަހެއް ނުވެއެވެ.“
⬆️އައްޝައިޚް އަލްމުޙައްދިޘް، ޑރ. މާޙިރް އަލްފަޙްލު (حفظه الله) ވެސް މިޙަދީޘް ބަލިކަށިކަމަށް ވިދާޅުވިއެވެ. އަދި އެއާއި ތަޢާރުޟުވާ ރިވާޔަތްތައް ފާހަގަ ކުރެއްވި އެވެ. ދެން ވިދާޅުވިއެވެ:
”...އައްތިރުމިޛީ އާއި އިބްނު ޙިއްބާން އާއި އަލްޙާކިމް އަދި އިބްނު ޢަބްދުލް ބައްރު މިރިވާޔަތް (ބޭރުފުށަށް) ޞައްޙަ ކުރެއްވިއެވެ. އަދި އެހެނަސް މިބޭބޭފުޅުންނަށް ވުރެ ބޮޑު އަދި (ޙަދީޘްގެ ފަންނުގައި) ޢިލްމުވެރި ބޭކަލުން އޭގެ (ބަލިކަށިކަމުގެ) މައްޗަށް ވާހަކަދެއްކެވިއެވެ. އަދި އެއީ މުންކަރު ޙަދީޘެއް ކަމަށް ވިދާޅުވިއެވެ. އެބަހީ އޭގެން ދޭހަވާ މާނައެވެ... އަދި (މި ޙަދީޘު ބަލިކަށިކަމަށް ކަނޑައެޅުއްވި) ބޭކަލުން ތެރޭގައި: ޢަބްދުއް ރަޙްމާން އިބްނު މަހްދީ އާއި އަޙްމަދު އާއި އަބޫ ޒުރްޢާ އައްރާޒީ އަދި (އަބޫ ބަކްރު) އަލްއަޘްރަމް ހިމެނިވަޑައިގަންނަވައެވެ...“
⬆️އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ވިދާޅުވިއެވެ:
”އަލްޢަލާއު ބުނު ޢަބްދުއް ރަޙްމާން އަށް އަޙްމަދު އާއި އިބްނު މަޢީން އާއި އިބްނު މަހްދީ އާއި އަބޫ ޙާތިމް އަދި އަައްނަސާއީ (މިރިވާޔަތުގައި) އިންކާރު ކުރެއްވިއެވެ. އަދި އިމާމް އަޙްމަދް ވިދާޅުވިއެވެ: ”އަލްޢަލާއު ޘިއްޤާ އެވެ. މިޙަދީޘް ފިޔަވައި އޭނާފުށުން އިންކާރުވެވިގެން ނުވެއެވެ.“
⬆️އަބޫ ޢަލީ އަލްޙަސަނީ ވިދާޅުވިއެވެ:
”އިބްނު މަހްދީ އާއި އަޙްމަދު އާއި އަބޫ ޒުރްޢާ އާއި އަބޫ ދާވޫދު އާއި އަލްއަޘްރަމް އާއި އައްނަސާއީ އަދި އަލްޚަލީލީ ވަނީ މިޙަދީޘް އަކީ އަލްޢަލާއު ބުނު ޢަބްދުއް ރަޙްމާން ގެ މުންކަރު ޙަދީޘް ތެރެއިން ވާއެއްޗެއް ކަމަށް ކަނޑަ އަޅުއްވާފައެވެ.“
ވީމާ މިޙަދީޘް މައްޗަށް ޢަމަލު ކުރުމެއް ނުވެއެވެ. الله أعلم.
~ ގަލަންދާނު 🖋
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.