ސުވާލު: ފާސިޤު (ފާފަކުރާ) ގާތްތިމާގެ މީހުންނާއި ގުޅުން ބޭއްވުން ވާޖިބުވާނެ ހެއްޔެވެ؟
🖊 ސުވާލު: ފާސިޤު (ފާފަކުރާ) ގާތްތިމާގެ މީހުންނާއި ގުޅުން ބޭއްވުން ވާޖިބުވާނެ ހެއްޔެވެ؟
ޖަވާބު: ގާތްތިމާގެ މީހުންނާއި ރަޙިމުގެ ގުޅުން ހުރި މީހުން ފާސިޤުން ކަމުގައި ވީނަމަވެސް، އެމީހުންނާ ގުޅުން ބޭއްވުން ވާޖިބުވެގެންވެއެވެ.
އިމާމް އައްސުބްކީ رحمه الله ވިދާޅުވިއެވެ:
"އަދި ނަބިއްޔު ﷺ ގެ ސިފަފުޅުތަކުގެ ތެރެއިން އެންމެ މަޝްހޫރު އަދި ގިނައިން ރިވާވެފައިވާ އެއް ކަމަކީ ރަޙިމުގެ ގުޅުން ބޭއްވުމަށް އަމުރުކުރެއްވުމެވެ. ފަހެ މިއިން ޘާބިތުވަނީ ރަޙިމުގެ ގުޅުން ބޭއްވުމަކީ ވާޖިބެއް ކަމެވެ. އަދި ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: «ليس الواصل بالمكافئ ولكن الواصل الذي إذا قُطعت رحمه وصلها» '(ޙަޤީޤީ) ގުޅުން ބާއްވާ މީހަކީ ބަދަލުގައި ގުޅުން ބާއްވާ މީހާއެއް ނޫނެވެ. ނަމަވެސް (ޙަޤީޤީ) ގުޅުން ބާއްވާ މީހަކީ، އޭނާއާ ގުޅުން ކަނޑާލެވުމުންވެސް އެ ގުޅުން ދަމަހައްޓާ މީހާއެވެ.' މިއިން ދަލީލުކުރަނީ ފާސިޤު ގާތްތިމާގެ މީހާއާއިވެސް ގުޅުން ބާއްވަންޖެހޭ ކަމެވެ. ސަބަބަކީ ގުޅުން ކަނޑާލާ މީހަކީ ފާސިޤެކެވެ. އަދި އެފަދަ މީހާއާއިވެސް ގުޅުން ބޭއްވުމަށް އަމުރުކުރައްވާފައިވެއެވެ. އަދި އަސްމާއު رضي الله عنها، ”ތިމަންކަމަނާގެ (ކިރުގެ ގޮތުން) މަންމާ ތިމަންކަމަނާގެ އަރިހަށް އައީ (ގުޅުން ބޭއްވުނަށް ނުވަތަ އެހީއަށް) އެދިގެންނެވެ. އަދި އެއީ މުޝްރިކެކެވެ. ފަހެ ތިމަންކަމަނާ އޭނާއާ ގުޅުން ބާއްވަންވީ ތޯއޭ؟“ ދެންނެވުމުން، ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: «نعم صلي أمك» ((އާނއެކެވެ. ތިބާގެ މަންމައާ ގުޅުން ބާއްވާށެވެ.))" .
— (އައްސުބުކީ) رحمه الله ގެ ބަސްމޮޅު މިހިސާބަށް، ނިމުނީ.
މުސްލިމަކު އޭނާގެ (މުސްލިމު) އަޚާއަށް އަދާކޮށްދޭންޖެހޭ ޙައްޤުތަކުގެ ތެރޭގައި އޭނާއާ ގުޅުން ބޭއްވުން ހިމެނިގެން ވެއެވެ. އަދި ފާސިޤަކީ މުސްލިމެކެވެ. ކާފަރެއް ނޫނެވެ. ވީމާ، އޭނާއާއި ގުޅުން ބޭއްވުން (މިޙައްޤުތަކުގެ ދަށުން) ވާޖިބުވެގެންވެއެވެ. އެއީ އޭނާއާ ގުޅުން ކަނޑާލުމުގައި (ހަޖުރުކުރުމުގައި) ޝަރުޢީ މަޞްލަޙަތެއްވާ ހާލަތެއްގައި މެނުވީއެވެ. މިޘާލަކަށް އެކަމުން އޭނާއަށް އޭނާގެ ކުށް ނުވަތަ ފާފަ އިޙްސާސް ކުރުވުން ފަދައެވެ. ނުވަތަ އޭނާއާއި ގުޅުން ކަނޑާލުމަކީ އޭނާ ތައުބާވުމަށް މަގުފަހިވާ ކަމަކަށް ވުމެވެ. އެފަދަ ހާލަތެއްގައި ރާޖިޙު (ޞައްޙަ) މަޞްލަޙަތަކަށްޓަކައި އޭނާ ހަޖުރުކުރެވެއެވެ. ހަމައެފަދައިން އެމީހުންގެ އެއްވުމުގައި ޙަރާމް ޝާމިލުވެގެންވާ ނަމަ، އެމީހުންނަށް ޒިޔާރަތްކުރުން ނުވަތަ އެމީހުންނާއެކު އިށީނުން ހުއްދަވެގެން ނުވެއެވެ.
والله تعالى أعلم.
—ރޭޑިއޯ ފަތުވާ (ނަންބަރު 761)
~ ގަލަންދާނު 🖋️
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.