ހެނދުނާއި ހަވީރުގެ އަޛްކާރުގެ ވަޤުތު ފާއިތުވެއްޖެނަމަ އެ ޤަޟާއު ކުރެވިދާނެ ހެއްޔެވެ؟
❓ހެނދުނާއި ހަވީރުގެ އަޛްކާރުގެ ވަޤުތު ފާއިތުވެއްޖެނަމަ އެ ޤަޟާއު ކުރެވިދާނެ ހެއްޔެވެ؟
މި އަޚާ ސުވާލުކުރަނީ، ހެނދުނާއި ހަވީރުގެ ޛިކުރުތައް ޤަޟާއު ކުރެވިދާނޭތޯ އެވެ؟ އަދި އޭގެ ވަޤުތަކީ ކޮބާއިތޯއެވެ؟ އަދި ވަޤުތު ފާއިތުވެއްޖެނަމަ އެ ޤަޟާއު ކުރުން ވޭތޯއެވެ؟
ޖަވާބު:
ﷲ جل وعلا ވަޙީ ކުރެއްވީ: ▶️يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱذۡكُرُواْ ٱللَّهَ ذِكۡرٗا كَثِيرٗا ▫️ وَسَبِّحُوهُ بُكۡرَةٗ وَأَصِيلًا◀️(އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން اللَّه ހަނދުމަކުރާށެވެ! • އަދި ހެނދުނާއި، ހަވީރު އެކަލާނގެއަށް تسبيح ކިޔައި އުޅޭށެވެ!) [33: 41-42]
މިއާޔަތުގައި ﷲ جل وعلا އަމުރު ކުރައްވާފައި މި ވަނީ، بُكۡرَة އާއި أَصِيلًا ގައި އެއިލާހަށް ޛިކުރުކުޅައުމަށެވެ.
⬆️بُكۡرَة އެބަހީ ދުވާލުގެ ފުރަތަމަ ކޮޅެވެ. އަދި
⬆️أَصِيلًا އެބަހީ ދުވާލުގެ ފަހުކޮޅެވެ. އަދި ބަހުގެ ޢިލްމުވެރިންގެ ގާތުގައި الاصال އަކީ އަޞްރު ވަޤުތުން ފެށިގެން އިރުއޮއްސުމާއި ހަމައަށެވެ.
ﷲ تعالى ވަޙީ ކުރެއްވިއެވެ: ▶️وَسَبِّحۡ بِحَمۡدِ رَبِّكَ قَبۡلَ طُلُوعِ ٱلشَّمۡسِ وَقَبۡلَ غُرُوبِهَاۖ◀️(އަދި އިރުއެރުމުގެ ކުރީގައްޔާއި އަދި އިރުއޮއްސުމުގެ ކުރީގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ވިދާޅުވާށެވެ!) [20:130]
ވީމާ ހެނދުނުގެ އަޛްކާރު ފެށުން ވަނީ ދެވަނަ ފަޖުރުން ފެށިގެން އިރުއެރުމާއި ހަމައަށެވެ. (ދެވަނަ ފަޖުރަކީ ފަތިސް ނަމާދުގެ ބަންގީގެ ވަޤުތެވެ.) އަދި المساء (ހަވީރުގެ) ޛިކުރު ފެށުން ވަނީ އެހެންޏާ އަޞްރު ނަމާދުގެ ފަހުން ނުވަތަ އަޞްރު ވަޤުތުގެ ފަހުން ފެށިގެން އިރުއޮއްސުމާއި ހަމައަށެވެ. އަދި އޭގައި އެންމެ މޮޅުއިތުރީ އިރުއޮއްސުމާއި ގާތްކޮށް ރޭގަނޑާއި ގާތްކޮށް ކުޅައުމެވެ. މިއީ މިމައްސަލާގައި ވާ ޤަޥްލު ތަކުގެ ތެރެއިން އެއްޤަޥްލެވެ. އަދި އަހަރެން ގެ ނަޒަރުގައި އެންމެ ސާފު ޤަޥްލަކީ މިއެވެ.
ބުނެވެއެވެ: المساء ގެ އަޛްކާރުތައް ފެށުން ވަނީ އިރުމެދުންފިލުމުންނެވެ. އެއީ ބަހުގެ ޢިލްމުވެރިން ތެރެއިން ބައިގަނޑެއްގެ ޤަޥްލެވެ. މިއީ المساء، މިބަހުގެ ތަފްސީރުގެ މައްޗަށް ބަލައެވެ. މިޤަޥްލުގެ ދަށުން المساء ގެ އަޛްކާރު ގެ ވަޤުތަކީ އިރުމެދުންފިލީއްސުރެ އިރު އޮއްސެއްޖެއުމާއި ހަމައަށެވެ. (އަދި ބައެއް ބޭކަލުންގެ ބުނުމުގައި މެންދަން ވުމާއި ހަމައަށެވެ.)
އެހެނަސް ބުރަދަންބޮޑީ ފުރަތަމަ ޤަޥްލުގައެވެ. އެހެނީ الاصال ވަޤުތު المساء ވަޤުތަށް ސީދާ ނުވެއެވެ. المساء އަކީ އިރުމެދުންފިލުމުން ފެށިގެން ފެށޭ ވަޤުތެކެވެ. އެހެނަސް الاصال އަކީ ޢަޞްރުން ފެށިގެން އިރުއޮއްސުމާއި ހަމައަށެވެ. އަދި އާޔަތްތައް އެއް އާޔަތުން އަނެއް އާޔަތް ތަފްސީރު ކޮށް ދެއެވެ. އަދި ޙަދީޘްތައް މިއަށް ބާރު ދެއެވެ.
ވީމާ ⌝ހެދުނާއި ހަވީރުގެ އަޛްކާރު ތައް ޤަޟާއު ކުރުން ވޭހެއްޔެވެ؟⌜
އާއެކެވެ. އެ އަޛްކާރު ޤަޟާއު ކުރުން ވެއެވެ. އެއީ (ހެނދުނާއި ހަވީރުގެ) މި ޛިކުރުތައް ނަމަ އެ ޤަޟާއު ކުރުން ވެއެވެ. އެހެނީ އެތަކެއްޗަކީ މީހާގެ ޙާލަތާއި ގުޅުން ހުރި ތަކެއްޗެވެ. އެއީ އޭނާއަށް އެސްފީނާއެއް ނޫނީ އެނޫން ކަމެއްވެސް ލައިގަތުން އެކަށީގެންވެއެވެ. (އަދި މި އަޛްކާރުތަކީ ހަށިރައްކަލެކެވެ.)
މިއީ ރަވާތިބު ސުންނަތްތައް ޤަޟާއު ކުރުން އޮތް ފަދައިންނެވެ. މިޘާލަކަށް މެންދުރުގެ އިހު ސުންނަތް މެންދުރު ނަމާދަށް ފަހުގައެވެ. އަދި ފަތިސް ނަމާދުގެ ސުންނަތް ވެސް ފާއިތުވެއްޖެނަމަ، ފަތިސް ނަމާދަށް ފަހު ޤަޟާއު ކުރުން ވާ ފަދައިންނެވެ.
އަދި ވިތުރި ފާއިތު ވެއްޖެ ނަމަ، މީގައި (ޤަޟާއު ކުރުމުގެ) ދެ ޙާލަތެއްވެއެވެ:
⬆️އެހެންޏާ (ފަތިސް ނަމާދުގެ) ބަންގިޔާއި ޤަމަތާއި ދެމެދުގައި ކުރާގޮތެވެ. އެވަޤުތު ގައި ޤަޟާއު ކުރާނަމަ ކުރުން ވަނީ ވިތުރި ކުރެވޭ ޞިފައިގައި ތަފާތު ކުރުމެއް ނެތިއެވެ. އަދި މިއީ އަޞްޙާބު ބޭކަލުން ކުރެ ބޮޑު ބައިގަނޑެއް އަރިހުން ޘާބިތުވެފައިވާ ކަމެކެވެ.
⬆️ދެވަނަ ޙާލަތަކީ: އިރު އެރުމަށް ފަހުގައި އެ ޤަޟާއު ކުރުމެވެ. އެހިނދު ކުރުން ވަނީ ދެއަދަދުގެ ރަކުޢަތަކުންނެވެ. (އޮނަހިރި ކޮށެއް ނޫނެވެ.) އަދި އިރު އެރުމަށް ފަހުގައި ވިތުރި އޮނަހިރިކޮށް ޤަޟާއު ކުރެއްވި ކަމުގައި އަޞްޙާބު ބޭކަލުންގެ އަރިހުން އެއްވެސް އެއްޗެއް ވާރިދުވެފައި ނުވެއެވެ. ކުރައްވާފައިވަނީ ކޭލި ހަމަވާ ގޮތަށެވެ. މިއީ ފިޤުހުވެރިންނާއި މުޙައްދިޘުންގެ ބައިގަނޑެއްގެ ޤަޥްލެވެ.
އެނޫން ޤަޥްލެއް ގައި އަނެއް ވިތުރީގެ ވަޤުތު ވަނުމުގެ ކުރިން އެޤަޟާއު ކުރުން ވާ ކަމުގައި ވެއެވެ. މިއީ އަލްއަޥްޒާޢީ رحمه الله ގެ ވިދާޅުވުމެވެ. އަދި ޞައްޙައީ، އެ ޤަޟާއު ކުރުން ވަނީ (ފަތިސް) ބަންޤިޔާއި ޤަމަތާއި ދެމެދުގައި ކަމާއި، ނަމާދަށް ޤަމަތް ދެވިއްޖެނަމަ ދެން އެ ޤަޟާއު ކުރުން ވަނީ ކޭލި ހަމަވާ ގޮތަށް ކަމެވެ. والله اعلم.
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (އޯޑިއޯ)
~ ގަލަންދާނު 🖋
ـــــــــــــ
📝 އަހަރެމެން ކުރީންވެސް މިމަޥްޟޫޢުގައި ތަފްޞީލެއް ގެނެސްދީފައި ވާނެއެވެ. އޭގައި އިތުރު ފާއިދާ އެކުލެވެއެވެ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.