އާމްދަނީ ހޯދުމަށް އަންހެނުން މަސައްކަތް ކުރުމުގެ ޙުކުމް
⬆️އާމްދަނީ ހޯދުމަށް އަންހެނުން މަސައްކަތް ކުރުމުގެ ޙުކުމް
①
☪☪☪☪☪☪
ޖާބިރުގެފާނު ވިދާޅުވިއެވެ:
އަހަރެންގެ މައިފުށު ބޮޑުދައިތަ ކައިވެނި ރޫޅުމަށްފަހު، އެކަމަނާ އަށް ލިބިގެންވާ ކަދުރު ރުއް ތަކުން ކަނދުރު ބިނުމަށް (ނިކުންނާން) ޤަޞްދުކުރިއެވެ. މިހެންކަމުން މީހާކު އެކަމަނާ ގެއިން ނިކުތުމުގެ މައްޗަށް ކުށްވެރިކުރިއެވެ. ދެން އެކަމަނާ ނަބިއްޔު ﷺ އަރިހަށް ވަޑައިގެން އެވަހާކަ ދަންނަވައިފިއެވެ. އެހެންކަމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ:
«بَلَى فَجُدِّي نَخْلَكِ فَإِنَّكِ عَسَى أَنْ تَصَدَّقِي أَوْ تَفْعَلِي مَعْرُوفًا» (އެހެންނަކުންނެއް ނޫނެވެ. ފަހެ ކަނބުލޭގެ ގޮސް ކަނބުލޭގެ ކަދުރު ރުއްްތަކުން ކަދުރު ބިންނާށެވެ. ފަހަރެއްގައި އެއިން ތިބާ ޞަދަޤާތެއް ވެސް ކޮށްފާނެއެވެ. ނުވަތަ ˺އެނޫން˹ ހެޔޮކަމެއްވެސް ކޮށްފާނެއެވެ.)
ދެންފަހެ މިއަންހެނާއާއި މެދު އިތުރުއެކަލޭގެފާނުން ﷺ ގެ ބަސްފުޅު «فجدي نخلك» (ފަހެ ކަނބުލޭގެއަށްވާ ކަދުރު ރުއްތަކުން ކަނބުލޭގެ ˺ކަދުރު˹ ބިންނާށޭ) —މިބަސްފުޅާއިމެދު ދަންނައެ: އެކަނބުލޭގެއަށް އެހީވެދޭނެ ޢާއިލާއެއް ނެތެވެ. އަދި އެކަނބުލޭޭގެއަށް ލިބިފައިވާ ކަދުރު ރުއްތަކެއް ވިއެވެ.
އަދި އަންހެނަކަށް ލިބިގެންވާ މުދަލެއް ހުރެއްޖެނަމަ، (މަންފަޢު ހޯދުމަށް) އެއާއިގެން އޭނާއަށް އުޅެވިދާނެއެވެ. އެއީ ފިތުނައިން އަމާންކަން އޮވެއްޖެހިނދުގައެވެ.
ވީމާ މިބުނެވުނު ގޮތުގައި އަންހެނަކަށް މަސައްކަތްކުރުމަށް ކުޅަދާނަވެގެން ވާނަމަ، އޭނާ އަށް ވަނީ މަސައްކަތް ކުރުން ހެއްޔެވެ؟ ނުވަތަ އަހަރެމެން ބުނަނީ ގޭގައި ތިބެ (މަސައްކަތް ނުކޮށް) ޒަކާތުގައި ހިފާށޭ ހެއްޔެވެ؟ ފަހެ މީގައި ތަފްޞީލެއް ވެއެވެ:
ފަހެ އޭނާގެ މި މަސައްކަތަކީ މުސްތަޤިއްލުކޮށް ، އެކަމެއްގައި ފިރިހެނުންނާއި މަސްހުނި ވުމެއް ނެތި، އެކަނބުލޭގެއަށް އެމަސައްކަތުގައި ފިތުނައިން އަމާންވެގެންވާ ކަމެއް ނަމަ، އަދި އޭނާއަށް ގެއްލުމެއް އޭގައި ނުހިމެނޭނަމަ - މާނައީ އެކަނބުލޭގެ ގޭތެރޭގެ ކަންކަމާއި ދަރިންގެ ކަންތައްތަކަށް ބުރޫ ނާރާނަމަ، އެހިނދުގައި އޭނާ އެކުރާ މަސައްކަތް ޒަކާތުގައި ހިފުމަށްވުރެ އައުލާކަން ބޮޑުވެގެން ވެއެވެ. އެއީ މިޘާލަކަށް ހެދުންފެހުމެވެ. އެއީ ގޭގައި އިނދެގެން ވިޔަސް އެވެ. ނުވަތަ ހެދުން ދޮވެގެނެވެ. ގޭގައިވިޔަސް އެވެ. ނުވަތަ ކައްކައިގެން ނުވަތަ ކިރުމަޔަކަށްވެގެން ނުވަތަ އެނޫންވެސް ނަބިއްޔު ﷺ އާއި އަޞްޙާބުބޭކަލުންގެ ޒަމާނުގައި ހުރި ފަދަ ކަންތައްތަކެވެ.
މިއާއިއެކު މިކަންތަކުން ކުރިފަޅާ އަނެއް ކަމަކީ ބޭރަށް ނިކުތުމެވެ. އަދި ބޭރަށްނިކުތުމުން ކުރިފަޅާ އެއްޗަކީ ފިތުނައެވެ. އެހެންކަމަށްވާނަމަ އެކަނބުލޭގެ ގޭގައި ހުންނާނީއެވެ. އެއީ އޭގެ ސަބަބުން އޭނާ ޒަކާތުގައި ހިފަންޖެހުނަސް އެވެ. އެހެނީ ލޯތަކަށް ފެނުމަށްވުރެ ޒަކާތް ހެޔޮވެގެންވެއެވެ. އަދި ޒަކާތަކީ ﷲ އަޅުތަކުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އެއްޗެކެވެ. އަދި ޒަކާތަކީ އެއްވެސް ގޮތެއްގައި ހިފުން ހުއްދަނޫން އެއްޗެއްނަމަ ، ﷲ އެޔެއް ފަރުޟެއް ވެސް ނުކުރެއްވީހެއްޔެވެ. އަދި އެއަށް އިޛުނައެއްވެސް ނުދެއްވީހެވެ. އަދި އެ ހޭދަކުރާ މީހާއަށް އޮތް ޠާހިރުކޮށްދިނުމަކަށްވެސް ވެސް ނުލެއްވީހެވެ. ﷲ އެޔެއް ފަޤީރުންނާއި ދަތިއުނދަގުލުގައިވާ މީހުންނަށް މެނުވީ ނުލައްވައެވެ.
ވީމާ އަންހެންމީހާ ބޭރަށް ނިކުތުމުގެ ސަބަބުން އޭނާއަށް ލިބޭ ގެއްލުމުގެ ސަބަބުން ނުވަތަ ކުރިމަތިވާ ފިތުނައިގެ ސަބަބުން ނުވަތަ ގޭތެރޭކަންކަން ނޫނީ (މަސައްކަތުގެ ސަބަބުން) ޚުދު އަމިއްލަ ޙާލަތާއި މެދުވެސް ނޫޅެވޭތީ ، މިއަންހެނާ އަށް ވަނީ (މަސައްކަތ ނުކޮށް) ގޭގައި މަޑުކުރުމެވެ. އަދި ˺މަސައްކަތު˹ ނުނިކުތުމެވެ. އަދި އެހިނދުގައި އޭނާގެ ހާޖަތްތައް ފުދޭވަރަށް ޒަކާތުން އޭނާއަށް ދެވުން ވެއެވެ. އަދި ބައިތުލް މާލުން އޭނާއަށް ދެވޭނޭ ނަމަ މިގޮތް ޒަކާތަށްވުރެ އައުލާވެގެން ވެއެވެ. އެހެން އެކަން ވާން ނެތިއްޖެނަމަ ˺ޒަކާތުން˹ ދޭނީއެވެ. ❝
~ 🎙އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (އޯޑިއޯ)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.