އަދި ޝާފިޢީން ދަލީލު ކުރައްވަނީ: މުރުތައްދު ވާ މީހާ އޭނާގެ ނަފުސުގެ ޙުރުމަތް މުރުތައްދުވުމުގެ ސަބަބުން ކެނޑިގެންދާ ކަމެވެ. އެހެންކަމުން…
❷
(ށ)
އަދި ޝާފިޢީން ދަލީލު ކުރައްވަނީ: މުރުތައްދު ވާ މީހާ އޭނާގެ ނަފުސުގެ ޙުރުމަތް މުރުތައްދުވުމުގެ ސަބަބުން ކެނޑިގެންދާ ކަމެވެ. އެހެންކަމުން އޭނާ ޤަތުލު ކުރުން ވާޖިބުވެގެންވާ ކަމެވެ. ހަމަ މިބީދާއިން އޭނާގެ މުދަލުގެވެސް ޙުރުމަތް ކެނޑިގެންދާ ކަމެވެ. އެހެނީ އެ އަންނަނީ ނަފުސުގެ ހުރުމަތުގެ ދަށުން ކަމުގައި ވާތީއެވެ. (ވީމާ ޝާފިޢީން ގެ ނަޒަރުގައި ވާރުތަވެރީންނަށް އެއްވެސް އެއްޗެއް ނުވޭ އެހެނަސް އެންމެހާ މުދައުވަނީ ފަޔިއު ގޮތުގައެވެ.) އެހެންކަމުން އޭނާގެ މުދަލުގެ މިލްކިއްޔާތު ނިގުޅެއެވެ. އަދި އޭނާ ވަނީ ޤަތުލަށް ހުށަހެޅިފައި ކަމަށް ވުމުން، ޤަތުލުން ނިކުންނަ ނަތީޖާ އަކީ މަރުކަމަށް ވެފައި، މަރުވުމީ މުދަލުގެ މިލްކިއްޔާތު ކަނޑުވާލާ ކަމެއް ގޮތުގައެވެ. އެއީ ކުރިޔަށްލައި އޭގެ ޙުކުމް އައިސްފައެވެ. (މާޒީ އާއި ގުޅިފައެވެ.) އެގުޅިފައިވާނީ އޭނާ މަރަށް ހުށަހެޅުނު ސަބަބަށެވެ. އެސަބަބަކީ މުރުތައްދުވުމެވެ. މިހެންވިޔަސް އޭނާ އަށް. އިސްލާމް ވުމަށް ދަޢުވަތު ދެވެއެވެ. އަދި އޭނާ އިސްލާން ވެދާނޭ ކަމުގެ ފުރުސަތަށް ބަލައި، އޭނާގެ މުދައު އެވަގުތައް ހުލިކޮށްލުމުން މަޑުކުރުމަށް އަހަރެމެން ޙުކުމް ކުރަމެވެ. ފަހެ އޭނާ އިސްލާމް ވެއްޖެ ނަމަ، އޭނާ ގެ މުރުތައްދުވުން އޭނާ ގެ މުދައު ނެތިދިއުމަށް އޮތް ސަބަބަކަށް ނުވިކަން އަހަރެމެން ބަޔާންވެއެވެ.
(އެބަހީ: މުރުތައްދު ވުމުގެ ޤަތުލު ނުކުރެވޭ ކަމެވެ.) އެހެނަސް އޭނާ ޤަތުލު ކުރެވިއްޖެ ނަމަ، ނުވަތަ (އެގޮތުގައި ހުއްޓާ) މަރުވެއްޖެ ނަަމަ ނުވަތަ ދާރުލް ޙަރްބު ދަށަށް ގޮސްފިނަމަ، މިލްކިއްޔާތު ނިގުޅައިގަނެވުމުގެ ސަބަބެއް ހިނގައިފިކަން ސާފުވީއެވެ. އެހެނީ އެކަމެއް ހިނގައިފިއެވެ. އަދި ސަބަބު އައުމަށްފަހު ޙުކުމް ފަހެއް ނުޖެހޭނެއެވެ.
(ނ)
އަދި ދެ ޞާޙިބުން (އަބޫ ޙަނީފާގެ ދަރިވަރުން، އަބޫ ޔޫސުފް އާއި މުޙައްމަދު) ވިދާޅުވާގޮތުން، އަދި ޙަންބަލީން އޭބޭފުޅުން ތެރޭ ރާޖިޙު ގޮތަށް ބަލާއިރު ވިދާޅުވަނީ:
މުރުތައްދު ވުމާއި އެކު އެކަންޏެއް މުދަލުގެ މިލްކިއްޔާތު ނެތިނުދާ ކަމަށެވެ. އެކަން ވާނީ އޭނާ މަރުވުމުން ނުވަތަ ޤަތުލު ވުމުން ކަމެވެ. އެހެނީ މުރުތައްދުވުމުގެ އަޘަރު ހުޅުވިފައިވަނީ އޭނާގެ ލޭ ޙަލާލު ވުމުގެ މައްޗަށްކަމެވެ. އޭނާގެ މިލްކިއްޔާތަކަށް ނޫނެވެ. އެއީީ ރަޖަމް ކުރުމަށް ނުވަތަ ޤިޞާޞު (މަރަށް) ޙުކުމް ވެފައިވާ މީހެއް ފަދައިންނެވެ. އަދި އޭނާ އަކީ (އަދިވެސް) މުކައްލަފު މީހަކަށް ވުމުން، އޭގެ އަހުލިއްޔަތު އޭނާ ފުށުގައިވާނޭ ކަމެވެ. އެހެންކަމުން އޭނާގެ މުދަލުގެ މިލްކިއްޔާތު ދެމިއޮންނާނޭ ކަމަށް ޙުކުމް ކުރައްވަތެވެ. އަދި ނަފުސުގެ ހުރުމަތް ކެނޑުމަކީ ކޮންމެހެން މުދަލުގެ މިލްކިއްޔާތު ގެ ހުރުމަތް ގެއްލޭން ލާޒިމު ކުރާ ކަމެއް ނޫން ކަމުގައެވެ. އެއީ ރަޖަމް ކުރެވޭ މީހާ އާއި އެފަދަ މީހުންގެ ޙުކުމުގެ މައްޗަށް ދަލީލުކޮށެވެ.
މިއާާއި އެކު، ޙަންބަލީން ވިދާޅުވަނީ: މުރުތައްދު ކަލޭގެ ދާރުލް ޙަރްބުގެ ނިވަލަށް ގޮސްފިނަމަ، އޭނާގެ މުދަލުގެ މިލްކިއްޔާތު ދެމިނުއޮންނާނޭ ކަމެވެ. އަދި އޭނާ ފުށުން ތަޥްބާއަށް އެހުމެއް ނެތި ކޮންމެ ފަރުދަކަށްވެސް އޭނާ ޤަތުލު ކޮށްލެވޭނޭ ކަމަށެވެ. އަދި އެކަމަށް ކުޅަދާނަ ވެއްޖެ ކޮންމެ މީހަކަށްވެސް އޭނާގެ މުދާ ނެގުން ހުއްދަކަމުގައެވެ. އެހެނީ އޭނާ އެވަނީ ޙަރުބީ އަކަށް ވެފައެވެ. އޭނާގެ ޙުކުމަކީ ޙަރުބީންގެ ޙުކުމެވެ. އަދި މުރުތައްދު މީހާގެ ހޭދަތައް (ވަޤުފެއްވިޔަސް ނޫނަސް) ބަލައިނުގަނެވޭނޭކަމެވެ. އިބްނު މުފްލިޙު އަލް ޙަންބަލީ "އަލްމުބްދިޢު" ގައި ވިދާޅުވިއެވެ: ”މުރުތައްދު މީހާ ގެ ހޭދަކުރުން ތައް — ގަނެވިއްކުމާއި، ހިބައާއި ވަޤުފު އަދި މިފަދަ ކަންކަން، ބިނާވެގެންވަނީ މަޛުހަބުގެ މައްޗަށެވެ. އެހެނީ އެއީ އަނެކުންގެ ޙައްޤު އޭގައި އެކުލެވޭ މުދަލެވެ. އެހެންކަމުން އޭނާގެ ހޭދަތައް ވަނީ (މަރު)ބަލީގައި އޮވެ ހިބަ ކުރާ މީހާ ފަދައިން އެ ބަލައިނުގަނެވިއެވެ. އަދި މަޛުހަބުގައި ވަނީ އެއިން ހޭދަކުރުން މަނައުވެފައިވާ ކަމުގައެވެ. ފަހެ އޭނާ އިސްލާމްވެއްޖެ ނަމަ އޭނާގެ މިލްކުވެރިކަން އެކަމުގައި ޘާބިތުވެ އެހޭދަތައްވެސް ޘާބިތުވެއެވެ. އަދި އެ ޞައްޙަ ކަމުގައި ބެލެވެއެވެ. އެހެން ނުވެއްޖެނަމަ ބާޠިލެވެ. އެބަހީ: އޭނާ މުރުތައްދު ކަން މަތީ މަރުވެޖެނަަމަ ނުވަތަ ޤަތުލުވެއްޖެ ނަމަ، އޭނާގެ އެ ހޭދަތައް ބާޠިލެވެ. އޭނާގެ މައްޗަށް އެވަނީ ބަންދުވެފައެވެ. އޭގެ ޘަވާބުން އޭނާ ކެނޑިފައިވުމާއި އެކުގައެވެ. މިއީ ބަލިމީހަކާއި ޚިލާފަށެވެ.“
މިއާއި ޚިލާފަށް ދެޞާޙިބުން ވިދާޅުވީ: (އެގޮތުގައި ހުރެ) މަރުވުމާއި ޤަތުލުވުމާއި އެއްފަދައިން، ދާރުލް ޙަރްބު ގެ ނިވަލަށް ދާ މީހާ، އެކަން ކުރުމުގެ ސަބަބުން އެކަނިވެސް އޭނާގެ މުދަލުގެ މިލްކިއްޔާތު ނިގުޅި ދެއެވެ. އަދި އެންމެހާ މުދަލެއް އޭނާގެ ވާރުތަވެރިންނަށް ރައްދުކުރެވެއެވެ. އަދި މުރުތައްދު މީހާގެ ހޭދަތައް އެދަނޑިވަޅު ބަލައިގަނެވެއެވެ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.