މުރުތައްދު ވެއްޖެ ކަމަށް ޘާބިތު ވެއްޖެ މީހާގެ މުދަލުގެ ފިޤުހު
❶
📌މުރުތައްދު ވެއްޖެ ކަމަށް ޘާބިތު ވެއްޖެ މީހާގެ މުދަލުގެ ފިޤުހު
މުރުތައްދު މީހާއަށް، އޭނާގެ މުދަލުގެ މިލްކިއްޔާތު ނިގުޅެނީ އޭނާ މަރުވުމުންތޯ ނުވަތަ ޤަތުލު ކުރެވުމުންތޯ ނުވަތަ ދާރުލް ޙަރްބަށް އޭނާ ގުޅުމުންތޯ އާއިމެދު ޚިލާފުވެގެންވެއެވެ: ފަހެ އެއީ މުރުތައްދުވާ ވަޤުތުންތޯ ، އެބަހީ: ކުރިޔަށްލައިތޯ، ނުވަތަ މިބުނެވުނު ތިން ސަބަބުން ކުރެ ސަބަބެއް ލައިގަތުމަށް ފަހުތޯ އެވެ؟
އަބޫ ޙަނީފާ ގެ ވިދާޅުވުމުގައި އެ "ޤަޥްލަކީ އެކަލޭގެފާނުގެ މަޛުހަބުގައި ޞައްޙަ ޤަޥްލު" ކަމަށްވާ، އަދި އައްޝާފިޢީގެ ތިން ޤަޥްލުގެ ތެރެއިން އެންމެ ފާޅުކަން ބޮޑުވެގެންވާ، އަދި މާލިކު އެކަލޭގެފާނުގެ މަޛުހަބުގެ މަތީގައި އެންމެ ރާޖިޙުކަމަށްވާ، އަދި އަޙްމަދު ގެކަލާމްފުޅުން އެންމެ ފާޅުވެގެންވާ ބަސްފުޅަކީ:
މުރުތައްދުވުމުގެ ސަބަބުން އެކަނި، މުރުތައްދު މީހާގެ މުދާ (އެބަހީ: އޭގެ މިލްކިއްޔާތު) އޭނާގެ ފުށުން އުފުލެއެވެ. މާނައީ، އޭނާގެ މައްޗަށް ގޮތެއް ނިންމުމާއި ހަމަޔަށް އޭނާ އެތަކެތި ދޫކުރުމަށް މަޖުބޫރުކުރެވެއެވެ. ފަހެ ދެން އޭނާ ސާފުކޮށް އިސްލާމް ވެއްޖެ ނަމަ، އޭގެ މިލްކިއްޔާތު އޭނާއަތުގައި ދެމިއޮވެއެވެ. އެހެނަސް އޭނާ މުރުތައްދު ކަމުގައި ހުރެ މަރުވެއްޖެ ނަމަ ނޫނީ ޤަތުލު ކުރެވިއްޖެނަމަ، ނުވަތަ (ދާރުލް އިސްލާމުން ފިލައި) ދާރުލް ޙަރްބު އާއި އޭނާ ގުޅިއްްޖެނަމަ⁽¹⁾ އަދި ގުޅިއްޖެކަމަށް ޙުކުމް ކަނޑައެޅިއްޖެނަމަ، އަހަރެމެން ބަޔާންކުރި ފަދައިން މުރުތައްދު ވުމުގެ ސަބަބާއި އެކު އޭގެ މިލްކިއްޔާތު އޭނާފުށުން އެރިގެން ގޮސްފައި ވޭމެއެވެ.
(ހ)
އަބޫ ޙަނީފާ ދެކިލައްވާ ގޮތުގައި: އޭނާ އިސްލާމް ކަމުގެ ޙާލުގައި ހޯދާފައިވާ ތަކެތި އޭނާގެ މުސްލިމު ވާރުތަވެރީންނަށް ރައްދުކުރާނީއެވެ. އެހެނީ އޭނާ ގެ މުރުތައްދުވުމަކީ، މަރުވުމުގެ މަންޒިލުގައިވާ ކަމެކެވެ. އެހެންކަމުން މުސްލިމެއްގެ ފުށުން މުސްލިމަށް ދާ ވާރުތަމުދަލުގެ ޙައްޤު އަދައު ކުރެވެއެވެ. އަދި އޭނާ މުރުތައްދު ވުމަށްފަހު ހޯދާފައިވާ މުދަލެއް މުސްލިމުތަކުންނަށް ފަޔިއު (فَيْئاً) ⁽²⁾ ގޮތުގައި ވެދެއެވެ. (އެއީ މުސްލިމުންގެ އިމާމުގެ އަމުރު ދަށަށް އިސްލާމީ ދަޥްލަތަށް ނެގޭ ތަކެއްޗެވެެ.) އެހެންކަމުން އެތަކެތި ބައިތުލް މާލް އަށް ލެވެއެވެ. އެހެނީ މުރުތައްދެއްގެ ޙާލުގައި އޭނާ އެއްކުޅަ މުދަލަކީ، ލޭ ޙަލާލުވެފައިވާހިނދު ހޯދާފައިވާ ތަކެތިކަމުގާވީ ހިނދު، އެހެން އެއްވެސް މީހަކަށް އޭގެން (ވާރުތަ ވުމުގެ) ޙައްޤެއް ނުވެއެވެ. އެހެންކަމުން އެއީ (ހަނގުރާމައާއި ނުލައި ނެެގޭ) ޙަރުބީ (ކާފަރެއްގެ) މުދާ ފަދައިން ފަޔިއު އެވެ.
ހަމައެފަދައިން، މުރުތައްދެއްގެ ޙާލުގައި ހުރެ، އޭނާ ކުރާ ހޭދަތައް — ގަތުމާއި ވިއްކުމާއި ހިބައިން ދިނުމާއި ވަޞިއްޔަތްތައް އަދި މިފަދަ ކަންކަންވެސް އަބޫ ޙަނީފާގެ އަރިހުގައި އެކަންކަން ވަނީ ނިގުޅިފައެވެ: އޭނާ އިސްލާމް ވެއްޖެ ނަމަ، އެ ހޭދަތައް ޞައްޙަކަމަށް ބަޔާންވެއެވެ. އެހެނަސް އޭނާގެ މުރުތައްދުކަން މަތީ މަރުވެއްޖެ ނަމަ ނޫނީ ޤަތުލުވެއްޖެ ނަމަ، އެހޭދަތައް ބާޠިލުވެގެން ވެއެވެ.
އެހެނަސް (މިހޭދަކުރުން ތަކުގެ މައްސަލާގައި) ޝާފިޢީން ވިދާޅުވަނީ: އެހޭދަކުރުމަކީ ވަޞިއްޔަތެއް ފަދަ، އެއެްޗަކީ ވަޤުފެއް ގޮތުގައި ކަނޑައެޅޭ އެއްޗެއް ނަމަ، އެވަޤުފު ކުރެވޭ ހުއްޓެވެ. އެހެނަސް ވަޤުފަކަށް ނުވާފަދަ ކަމެއް، މިސާލަކަށް ވިއްކުމާއި ހިބަކުރުން އަދި ރަހުނު ފަދަ — މިފަދަ ހޭދަކުރުން ބާޠިލުވެދެއެވެ. އެހެނީ އެބޭފުޅުން ވިދާޅުވަނީ ޢަޤުދެއް ނިގުޅުން ބާޠިލުވެގެންވާ ކަމުގައެވެ.
________________
⁽¹⁾ ދާރުލް ޙަރްބުއާއި ގުޅުން: އެބަހީ އޭނާގެ ކުފުރުގައި ދެމިހުރުމަށް ދާރުލް ޙަރްބަށް ގޮސް އެވެރިން ފުށުން ޙިމާތް ހޯދުން
⁽²⁾ ފަޔިއު: މިއީ ބައިތުލް މާލަށް ނެގޭ މުދަލެކެވެ. ޣަނީމާާ އާއި ޚިލާފަށް މީގައި ފަސް ބަހަށް ބެހެވުނާއި ހަނގުރާމަވެރިންނަށް އެއިން ޙައްޤެއް ނުއޮވެއެވެ. އެހެނަސް އެބެހުމުގެ ޙައްޤު ވަނީ މުސްލިމުންހެ ވަލިއްޔުލް އަމްރުއަށް ފެންނަގޮތެއްގެ ނަތީންނެވެ. (އިތުރު ތަފްސީލަށް)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.