تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرۡنَ مِنۡهُ وَتَنشَقُّ ٱلۡأَرۡضُ وَتَخِرُّ ٱلۡجِبَالُ هَدًّا • أَن دَعَوۡاْ لِلرَّحۡمَٰنِ وَلَدًا }…
{ تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرۡنَ مِنۡهُ وَتَنشَقُّ ٱلۡأَرۡضُ وَتَخِرُّ ٱلۡجِبَالُ هَدًّا • أَن دَعَوۡاْ لِلرَّحۡمَٰنِ وَلَدًا } ”...އެކަމުގެ ސަބަބުން، އުޑުތައް ފަޅަފަޅައިގެންގޮސް، ބިންގަނޑު އިރައިރައިގެންގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިއުން ކައިރިވެގެންވެއެވެ. އެއީ رحمن ވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާކަމަށް އެއުރެން ގޮވުމުގެ ސަބަބުންނެވެ.“
❞ ދެންފަހެ އެއުރެންނަށް ޚާއްޞަ ކުފުރުގެ ޙަފުލާ ތަކުގައި (ކާފަރުންނަށް) ތަހުނިޔާ ކިޔުމަކީ، (ޢިލްމުވެރިންގެ) އިއްތިފާޤުން ޙަރާމް ވެގެންވާ ކަމެކެވެ. އެގެ މިޘާލަކީ، އެބައިމީހުންގެ ޢީދުތަކާއި ރޯދަތަކުގައި، ތަހުނިޔާއަށް ”ބަރަކާތްތެރި އީދެއް ތިބާއަށް އެދެން“ ނުވަތަ ”އުފާވެރި ޢީދަކަށް އެދެން“ އަދި މިފަދަ އިބާރާތަކުން ތަހުނިޔާ ކިޔުމެވެ. ފަހެ މިފަދަ މީހާ (އެޢަމަލުގެ ސަބަބުން) ކުފުރުން ސަލާމަތް ވެއްޖެޔަސް، އެކަންވަނީ (އަދިވެސް) ޙަރާމުގެ ތެރެއިންނެވެ. އަދި އެއީ ޞަލީބަށް ސަޖިދަ ކުރުމުން ތަހުނިޔާ ކިޔުމާއި އެއްފަދަ ކަމެކެވެ. އަދި ކިޔެއްތަ؟ ރާ ބުއިމާއި، ނަފުސެއް ޤަތުލުކުރުމާއި، ޙަރާމްވެގެންވާ ފަރުޖަކަށް އަރައިގަތުމާއި މިބީދައިން ކަމެއްގެ ސަބަބުން މީހަކަށް ތަހުނިޔާ ކިޔުމަށް ވުރެން، އެކަންތައް ﷲ ގެ ޙަޟުރަތުގައި ފާފަ ބޮޑުވެގެން ވެއެވެ. އަދި ނުރުއްސެވުމުގައި ވަރުގަދައެވެ. އަދި އެމީހެއްގެ ފުށުގައި ދީނަށް ޤަދަރެއް ނެތް އެތައް ބަޔަކު، މިކަމުގައި ހޭކެއެވެ. އަދި އެކުރި ޢަމަލުގެ މުޑުދާރުކަންވެސް ނުދަނެއެވެ.⁽¹⁾ ފަހެ މީހެއް ކުރާ ފާފަޔަކަށް ނޫނީ ބިދުޢަތަކަށް ނޫނީ ކުފުރަކަށް ތަހުނިޔާ ކިޔައިފި މީހެއް ވަނީ، ހަމަކަށަވަރުން ވެސް ﷲ ގެ ކޯފާ އާއި ނުރުއްސެވުމާއި ކުރިމަތިވެފައެވެ. ❝ — انتهى كلامه - رحمه الله
— އަލްއިމާމް އިބްނުލް ޤައްޔިމް رحمه الله
(أحكام أهل الذمة ، ޞ. 1/441)
~ ގަލަންދާނު
____________
[1] ކުރިސްމަސް އަކީ، ﷲ އަށް ދަރިޔެއް ލިބުނު ކަމަށް ބުނެ، ނަޞާރާއިން ފާހަގަ ކުރާ ޢީދެކެވެ. އަދި އެއަށް ތަހުނިޔާ ކިޔުމަކީ، ހުސްޠާހިރުވަންތަ އިލާހުގެ އެއްކައުވަންތަކަން އިންކާރުކުރުމުން ދެވޭ ތަހުނިޔާއެކެވެ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.