މިއީ ޚަވާރިޖުންގެ މަގެވެ. އަދި ދުވަހަކުވެސް އަހަރެމެންގެ މަގެއް ނޫނެވެ.“ [ ފުރަތަމަ ބައި ]
❶
”މިއީ ޚަވާރިޖުންގެ މަގެވެ. އަދި ދުވަހަކުވެސް އަހަރެމެންގެ މަގެއް ނޫނެވެ.“ [ ފުރަތަމަ ބައި ]
އަދަބިއްޔާތާއި ދީން، ދެފަންނުގެ ސަލަފުންގެ ޢިލްމުވެރިޔާ، އަލްއިމާމް އަލްޙާފިޠް އަބޫ ޢުބައިދު އަލްޤާސިމް އިބްނުއް ސައްލާމް رحمه الله އެކަލޭގެފާނުގެ ފޮތް، ”ކިތާބުލް އީމާން“ ގައި ވިދާޅުވިއެވެ:
[ބާބު: ފާފާއިގެ މައްޗަށް އީމާން ކަމުން ބޭރުވުން]
އަބޫ ޢުބައިދު ވިދާޅުވިއެވެ: (އިމާންކަން ނިގުޅިގެންދާކަމަށް) ފާފަތަކާއި ޖަރީމާތައް ޛިކުރުކުރެވިފައިވާ ތަކެއްޗާއިމެދު، ފަހެ މިތަކެތި ގިނަގުނަކޮށް އައިސްފައިވަނީ 4 ވައްތަަރެއް ގައެވެ:
އޭގެ ތެރެއިން ދެއެއްޗަކީ، އީމާން ނަފީ ވުމާއި ނަބިއްޔާ ﷺ ބަރީއަވެވަޑައި ގަންނެވުމުގައެވެ. އަނެއް ދެއެއްޗަކީ ކުފުރުން ނަންދެވުމާއި ޝިރުކު ޛިކުރުވެވިފައިވާ ބާވަތްތަކެވެ. އަދި މި ހަތަރު ބާވަތުން ކޮންމެ ބާވަތެއްގެ ދަށަށް އެތަކެއް ޙަދީޘެއް ޖަމަޢުވެއެވެ.
މިހެންކަމުން އީމާންކަން ނަފީ ކުރެވިފައިވާ ބާވަތުގެ ދަށުގެ ތެރޭގައި ވަނީ، ނަބިއްޔާ ﷺ ޙަދީޘް: لا يزني الرجل حين يزني وهو مؤمن، ولا يسرق حين يسرق وهو مؤمن (ޒިނޭކުރާ މީހާ ޒިނޭކުރާ ހިނދު މުއުމިނެއްކަމުގައި ވެހުރެއެއް ޒިނޭއެއް ނުކުރާނެތެވެ. އަދި ވައްކަން ކުރާ މީހާ ވައްކަން ކުރާ ހިނދު މުއުމިނެއްކަމުގައި ވެހުރެއެއް ވައްކަމެއް ނުކުރާނެތެވެ.) އަދި އެކަލޭގެފަނުގެ ޙަދީޘް: ما هو بمؤمن من لا يأمن جاره غوائله (އެމީހެއްގެ ނުބައިތަކުން އެމީހެއްގެ އަވަށްޓެރިޔާ އަމާންވެގެން ނުވާ މީހަކީ މުއުމިނުވެފައިވާ މީހެއް ނޫނެވެ.) އަދި އެކަކޭގެފާނުގެ ޙަދީޘް: الإيمان قيد الفتك، لا يفتك مؤمن (އީމާން ކަން އަލްފަތުކު⁽¹⁾ (އެބަހީ: ނޭގުމާއި އޮޅުވާލުމާއި ޚިޔާނާތުގައި ޤަތުލުކުރުން) ހިފަހައްޓުވައެވެ. މުއުމިނަކު ފަތުކު އެއް ނުކުރާނެތެވެ.) އަދި އެކަލޭގެފަނުގެ ޙަދީޘް: لا يبغض الأنصار أحد يؤمن بالله ورسوله (ﷲ އާއި ރަސޫލަށް އީމާންވާ އެއްވެސް މީހެއް އަންޞާރުންދެކެ ރުޅިއެއް ނުއަންނާނެތެވެ.) އަދި އޭގެ ތެރޭ އިތުރުއެކަލޭގެފާނުންގެ ޙަދީޘް: والذي نفسي بيده لا تؤمنوا حتى تحابوا (ތިމަންކަލޭގެފާނުގެ ނަފުސު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދީ ވިދާޅުވަމެވެ. ތިޔަބައިމީހުން އެކަކު އަނެކަކަށް ލޯބި ކޮށްފުމަށްދާންދެން އިމާން އެއް ނުވެވެތެވެ.) — (މިރިވާޔަތްތައް) ހިމެނެއެވެ. ހަމަ މިފަދައިން އަބޫ ބަކުރު އައްޞިއްދީޤު رضي الله عنه ގެ ބަސްފުޅު: (إياكم والكذب، فإنه يجانب الإيمان) ”ދޮގުހެދުމުން ތިޔަބައިމީހުން ރައްކައުވެގެން ތިބޭށެވެ. އެހެނީ އެއީ އިމާންކަމާއި އިދިކޮޅު ހަދާ އެއްޗެކެވެ.“ އަދި ޢުމަރު رضي الله عنه ގެ ބާސްފުޅު: (لا إيمان لمن لا أمانة له) ”އެމީހެއް ފުށުގައި އަމާނަތެއް ނުވާ މީހާ އީމާނެއް ނުވެތެވެ.“ އަދި ސަޢުދު ގެ ބަސްފުޅު: (كل الخلال يطبع عليها المؤمن إلا الخيانة والكذب) ”މުއުމިނެއްގެ ފުށުގައި ކޮންމެފަދަ އުނިކަމެއްވެސް އަށަގަނަފާނެއެވެ. އެހެނަސް ޚިޔާނާތްތެރި ކަމާއި ދޮގުވެރިކަން މެނުވީއެވެ.“ އަދި އިބްނު ޢުމަރުގެ ބަސްފުޅު: (لا يبلغ أحد حقيقة الإيمان حتى يدع المراء وإن كان محقاً، ويدع المزاحة في الكذب) ”ތިމާ ތިބާ ޙައްޤުގައި ވިޔަސް، އަރައިރުންވުން ދޫނުކޮށްލާ ހިނދު، އަދި މަޖާކުރުމުގައި ދޮގުހެދުން ދޫނުކޮށްލާހިނދަކު، އެއްވެސް މީހެއް ޙަޤީޤީ އީމާންކަމަށް ނުފޯރައެވެ.“
އަދި ބަރާއު ވެލެއްވުން އޭގައި ހިމެނޭ ބާވަތުގެ ތެރޭގައި: ނަބިއްޔާ ﷺ ގެ ޙަދީޘް ފުޅު: من غشنا فليس منا (އަހަރެމެންނަށް ކެހިވެރިވާ މީހަކީ، އަހަރެމެން ތެރެއިން ވާ މީހެއް ނޫނެވެ.) ހަމައެފަދައިން އެކަލޭގެފާނުގެ ޙަދީޘް: ليس منا من حمل السلاح علينا (އަހަރެމެންގެ މައްޗަށް ހަތިޔާރު އުފުލާ މީހަކީ، އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ.) ހަމައެފަދައިން އެކަލޭގެފާނުގެ ޙަދީޘް: ليس منا من لم يرحم صغيرنا (އަހަރެމެންގެ ކުޑަކުދީންނަށް ރަޙުމް ނުކުރާ މީހަކީ، އަހަރެމެންގެ ތެރެއިން ވާ މީހެއް ނޫނެވެ.) އަދި އޭގެ ތެރޭގައި މިފަދަ މިނޫން ތަކެތި ހިމެނެއެވެ.
_______
(1) އަލް-ފަތުކު (الفَتْكُ) އަކީ މީހަކަށް ނޭގިހުއްޓައި އޭނާ ކައިރިޔަށް ކުއްލިޔަކަށް އައިސް، އަރައިގަނެ ޣަދަރު ވެރިކަމާއި އެކު ޤަތުލުކުޅައުމެވެ. އަދި މީހަކަށް އަމާން ކަން ވާކަމަށް ބުނުމަށްފަހު ޤަތުލުކުރުމަކީވެސް ފަތުކު އެވެ. އަމާން ކަން ދީ ދެން ޣައްދާރުވުމެވެ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.